ފަރަށް އަރާފައިވާ "ޓީޓީއެސް ފާނަ" ކިޔާ މުދާ އުފުލާ ދޯނީގެ ކައްޕި، ހދ. ކުޅުދުއްފުށީ، ހަވީރީ ނާޒް، މުހައްމަދު ޔޫސުފް ގެއްލިގެން ހޯދާތާ މިހާރު ހަފްތާއެއް ވަނީ އެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް ރިޕޯޓު ކުރީ މި މަހުގެ ހަ ވަނަ ދުވަހުގެ ހެނދުނެވެ.

އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ކައްޕި ހޯދުމުގެ މަސައްކަތް ހުއްޓާނުލާ އަންނަނީ ކުރަމުންނެވެ. ނަމަވެސް އޭނާގެ އެއްވެސް ހިލަމެއް އަދި ނުވެ އެވެ. މުހައްމަދުގެ ހަބަރެއް ނުވެ ފާއިތުވާ ކޮންމެ ސިކުންތަކީ އޭނާގެ އާއިލާއަށް ލިބޭ އިތުރު ނުތަނަވަސްކަމެކެވެ. މުހައްމަދު ގެއްލުނު ގޮތް އަދިވެސް ސާފު ނުވާއިރު، އާއިލާއަށް ޖަވާބު ނުލިބޭ އެތައް ސުވާލެއް އެބަހުއްޓެވެ. އަދި ފާއިތުވާ ކޮންމެ ދުވަހަކާއެކު އެ ސުވާލުތައް އަންނަނީ އިތުރުވަމުންނެވެ.

އެ ދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް އަށް އެންގީ ހަ ވަނަ ދުވަހު އެވެ. ނަމަވެސް އެމްއެންޑީއެފް އަށް ރިޕޯޓުކުރީ ދޯންޏަކުން މީހަކު ގެއްލިގެން އުޅޭ ކަމަށް ބުނެ އެވެ. އެމްއެންޑީއެފަށް ލިބުނީ، ދޯންޏެއް ފަރަށް އެރި ކަމުގެ ރިޕޯޓެއް ނޫނެވެ. އެމްއެންޑީއެފް އަށް ވެސް ދޯނި ފަރަށް އަރާފައިވާކަން އެނގުނީ އެ ސަރަހައްދަށް ދިއުމުންނެވެ. ހާދިސާ ރިޕޯޓު ކުރީވެސް ދޯނި ފަރަށް އެރިތާ އެއް ދުވަސް ފަހުންނެވެ.

މިހިސާބުން ވެސް މި ހާދިސާއާމެދު ގިނަ ސުވާލުތަކެއް އުފެދުނެވެ. ދޯނި އުރުނީ ކ. ކަގި ކައިރީ އޮންނަ ފަރަކަށެވެ. އެ ސަރަހައްދުން އާންމުކޮށް ދަތުރުކުރާ މީހުން ބުނާގޮތުގައި އެ ފަރަށް އެރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ. އަދި ކައްޕި ގެއްލުނީ ދޯނި ފުން ކުރަން މޫދަށް ފައިބައިގެން އުޅެނިކޮށް ކަމަށް ވެދާނެ ކަމަށް ވެސް ބަޔަކު ލަފާކުރެ އެވެ.

އެ ދޯނި ގަސްތުގައި ފަރަށް އަރުވާލީ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން އަންނަ އިރު، ފަރަށް އެރި އިރު ކައްޕި ދޯނީގައި ހުރިކަމާމެދު ވެސް އެއް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

ފަރަށް އެރި އިރު ދޯނީގައި ތިން މީހުން ތިބި!

ނަމަވެސް ދޯނި ފަރަށް އެރި ދުވަހު އެ ދޯނީގައި ތިން މީހަކު ތިބިކަން ވަނީ ޔަގީންވެފަ އެވެ. ދޯނި ފަރަށް އަރާފައި އޮއްވާ އެ ސަރަހައްދުން ދަތުރުކުރި ލޯންޗެއްގައި ހުރި މީހަކު ވަނީ ފަރަށް އަރާފައި އޮތް "ޓީޓީއެސް ފާނަ" ގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. ދޯނީގައި ތިން މީހަކު ތިބިކަން އެ ފޮޓޯތަކުން ސާފުކޮށް އެނގެ އެވެ. ނަމަވެސް އެއީ ގެއްލިގެން ހޯދާ މުހައްމަދު ކަމެއް ނުވަތަ ނޫންކަމެއް ޔަގީންކޮށް ބުނާކަށް ނޭނގެ އެވެ. ފޮޓޯ ނެގި މީހާއަށް ވެސް އެކަން ޔަގީނެއް ނޫނެވެ. ސަބަބަކަށް ވަނީ، ލޯންޗު ދިޔައީ މީހާގެ ސިފަ ވަކިކުރެވޭހާ ކައިރިން ކަމަށް ނުވާތީ އެވެ.

ދޯނި ފުރީ ހަތަރު މީހުންނާ އެކު؟!

ނަމަވެސް އެ ދޯނިން ދަތުރުކުރި މީހުންގެ އަދަދާމެދު މިހާރު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އެމްއެންޑީއެފް އިން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ ދޯނި ފަރަށް އެރި އިރު ކައްޕިއާއެކު ދޯނީގައި ދެ ބިދޭސީއަކު ތިބި ކަމަށެވެ. އަދި އެ ދެ ބިދޭސީން އަދިވެސް ދޯނީގައި ތިބި ކަމަށެވެ.

ނަމަވެސް ދޯނީގެ ވެރިފަރާތުން ކައްޕީގެ އާއިލާއަށް ދީފައިވަނީ މުޅިން ތަފާތު މައުލޫމާތެކެވެ. ހާދިސާ ހިނގިފަހުން ހދ. ކުޅުދުއްފުށި ކައުންސިލުން ވަނީ ކައްޕީގެ އާއިލާއާ ބައްދަލުކޮށްފަ އެވެ.

"އާއިލާއިން ބުނަނީ އެކަން ހިނގައިގެން އުޅޭކަން ވެސް އެމީހުންނަށް އެނގުނީ މީޑިއާތަކުން ކަމަށް. ދެން މަގުމަތިން މީހަކު އެވާހަކަ ބުނެގެން ކަމަށް. އާއިލާއިން އެ ކުންފުންޏަށް ގުޅައިގެން ކަމަށް މައުލޫމާތު ހޯދީ،" ކުޅުދުއްފުށި ކައުންސިލްގެ ރައީސް، އަބްދުއްލަތީފް ހަސަން "ސަން" އަށް ވިދާޅުވި އެވެ.

އާއިލާއިން ވަނީ އެ ކުންފުނިން އެންމެ އެކަށީގެންވާ މައުލޫމާތު ނުދޭކަމުގެ ކަންބޮޑުވުން ކައުންސިލާ ހިއްސާކޮށްފަ އެވެ. އެގޮތުން އެމީހުން ދައްކާ ވާހަކަ ދިމާނުވާކަމަށް ވެސް އާއިލާއިން ވަނީ ބުނެފަ އެވެ.

އެ ކުންފުނިން އާއިލާއަށް މައުލޫމާތު ދިން ގޮތުގައި، ދޯނީގައި ދަތުރުކުރީ ހަތަރު މީހުންނެވެ. އެއީ ދެ ބިދޭސީންނާއި ކައްޕީގެ އިތުރުން އަދި އިތުރު ދިވެއްސެކެވެ. ނަމަވެސް އެމީހާގެ އެއްވެސް މައުލޫމާތެއް އަދި ނޭނގެ އެވެ. ދޯނީގައި ހަތަރު މީހަކު މަސައްކަތް ކުރާނަމަ، އެ ދުވަހުގެ ދަތުރުގައި ހަތަރުވަނަ މީހާ ބައިވެރިވި ކަމެއް ނުވަތަ ނޫންކަމެއް ވެސް ނޭނގެ އެވެ. އޭނާ ކޮބާހެއްޔެވެ؟

ދޯނީގެ ވެރި ފަރާތުން މީޑިއާތަކަށް މައުލޫމާތު ދޭކަށް ބޭނުމެއް ނޫނެވެ. ބުނަނީ ހިއްސާކުރަންޖެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ.

އެ ސަރަހައްދުން ވަޅި އަކާއި އިތުރު އެއްޗެހިތަކެއް!

ކައްޕި ހޯދަން އެމްއެންޑީއެފް އިން އަންނަނީ ކަނޑާއި ވައިގެ މަގުން ބޮޑު އޮޕަރޭޝަނެއް ހިންގަމުންނެވެ. އަދި ފުލުހުން އަންނަނީ މައްސަލަ ތަހުގީގުކުރަމުންނެވެ. ކައްޕި ގެއްލިގެން ހޯދަމުން އަންނަ އިރު، އޭނާގެ ފޯނާއި ދަބަސް އޮތީ ދޯނީގަ އެވެ.

ކައްޕި ހޯދަން ކުރި މަސައްކަތުން އެމްއެންޑީއެފް ޑައިވަރުންނަށް އެ ސަރަހައްދުން އެންމެ ފުރަތަމަ ފެނުނީ ބޮކްސާ ވައްތަރުގެ ސޯޓަކާއި މާސްކެކެވެ. ނަމަވެސް އެއީ ކައްޕީގެ އެއްޗެހި ކަމެއް އަދި ނޭނގެ އެވެ.

ހުއްޓާނުލާ ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިދިޔަ ބުރާސްފަތި ދުވަހު އަނެއްކާވެސް އިތުރު އެއްޗެހިތަކެއް އެ ސަރަހައްދުގެ ކަނޑުއަޑިން ޑައިވަރުންނަށް ވަނީ ފެނިފަ އެވެ.

އެ ސަރަހައްދުގެ 41 މީޓަރު އަޑިން ޑަސްޓްބިން ކޮތަޅެއްގެ ތެރެއަށް ލާފައި އޮތް ވަޅިއަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިފައި ވާއިރު 48 މީޓަރު އަޑިން ތުވާއްޔެއްގެ ބައެއް ފެނިފައިވެ އެވެ.

އޭގައި ލޭ ކަހަލަ އެއްޗެއް ހޭކިފައި ހުރުމުން ސުވާލު ކުރުމުން އެމްއެންޑީއެފް އިން ބުނީ އެ ތަކެތި ފުލުހުންނާ ހަވާލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ފުރިހަމަ މައުލޫމާތު އެނގޭނީ ތަހުލީލުތަކަށް ފަހު ކަމަށެވެ. އެކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.

ކައްޕި ގެއްލުނު ސަރަހައްދުން ފެނުނު ތުވާލި. ތުވާލީގައި ހޭކިފައި ހުރީ ކޯޢްޗެއް ކަމެއް ސާފެއް ނުވޭ .. ފޮޓޯ/އެމްއެންޑީއެފް

އެ ސަރަހައްދުން ފެނުނު އެއްޗިއްސާ ގުޅިގެން އަނެއްކާވެސް މިވަނީ ސުވާލުތަކެއް އުފައްދަން ފަށައިފަ އެވެ. ކައްޕި ގެއްލުނީ ހެއްޔެވެ؟ ނޫނީ ބަޔަކު ގެއްލުވާލީ ހެއްޔެވެ؟

ކައްޕިއަށް ވީގޮތެއް އެނގެން ބޭނުންވެފައި ތިބި އޭނާގެ އާއިލާއަށް މިހާރު ވަނީ އިތުރު ހާސްކަމަކާއި ބިރުވެރިކަމެއް ކުރިމަތިވެފަ އެވެ. އެމްއެންޑީއެފް އިން ބުނީ ކައްޕި ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓާނުލާ ކަމަށެވެ. އުންމީދަކީ މައްސަލައިގެ އެންމެ ފުނަށް ފީނައިގެން، ކަން ހިނގައިދިޔަ ގޮތް ބަލައި، ޖަވާބު ނުލިބި ހުރި ސުވާލުތަކުގެ ޖަވާބު ހޯދުމެވެ.

ކައްޕި ހޯދަން އެމްއެންޑީއެފް އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން

ކަމާބެހޭ ފަރާތްތަކުން ހާދިސާ ހިނގި ގޮތުގެ މާބޮޑު ތަފްސީލެއް މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، ކަނޑުގެ ބޮޑު ސަރަހައްދެއް ވަނީ ބަލައިފަ އެވެ. އެހެންކަމުން ކައްޕި މޫދަށް ފޭބިކަމަށް ދޯނީގައި ތިބި ބިދޭސީން އެމްއެންޑީއެފް އަށް މައުލޫމާތު ދީފައިވާކަމަށް ބެލެވެ އެވެ. އެމްއެންޑީއެފް އެ ސަރަހައްދުގެ ކަނޑު ބަލަނީ އެހެންވެ ކަމަށް ބެލެވެ އެވެ. އެކަމަކު ކައްޕިއަށް ވީގޮތާ މެދު ބޮޑެތި ސުވާލުތަކެއް އެބަ ހުއްޓެވެ. އާއިލާއިން ތިބީ އެ ސުވާލުތަކަށް ޖަވާބު ލިބޭނެ ވަގުތެއްގެ އިންތިޒާރުގަ އެވެ.