11 Jan 2020, 10:17
އީރާނުގެ ވެރިރަށް ތެހެރާންއިން ނައްޓާލި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންސްގެ މަތިންދާބޯޓު ވައްޓާލުމުގެ ޒިންމާ އިރާނުގެ އަސްކަރިއްޔާއިން ނަގައިފިއެވެ. އެގައުމުގެ އަސްކަރިއްޔާއިން ބުނީ އެކަން ކުރެވުނީ އޮޅުމަކުން ކަމަށެވެ.
އެ ބޯޓު ވެއްޓުނީ އިރާގުގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް އިރާނުން ހަމަލާ ދިން ފަހުންނެވެ. ކުރިން އިރާނުން ބުނަމުން ދިޔައީ ބޯޓު އެގައުމުގެ ހަމަލާތަކާއި ބޯޓު ވެއްޓުމާ ގުޅުމެއް ނެތްކަމަށެވެ. އަދި ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ކަމަށެވެ.
ނަމަވެސް އެ ހާދިސާގެ ޒިންމާ މިއަދު އީރާނު އަސްކަރިއްޔާއިން ނަގާފައި ވަނީ އެ ބޯޓަށް މިސައިލެއް އަރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް އާންމުވެފައި ވަނިކޮށެވެ.
އީރާނުގެ ގައުމީ ޓީވީ މެދުވެރިކޮށް އެގައުމުގެ އަސްކަރިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބޯޓު ވައްޓާލެވުނީ އޮޅުމަކުން ކަމަށާއި، އެކަން ހިނގީ "މީހަކަށް ހެދުނު ގޯހެއް"ގެ ސަބަބުން ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ހަމަލާ ދެވުނީ މަތިންދާބޯޓު ދަތުރުކުރަމުން ދިޔަ ގޮތުންނާއި، މާބޮޑަށް އީރާންގެ އަސްކަރީ ބޭސްއަކާ ކައިރިން ދަތުރުކުރުމުން އެއީ ދުޝްމަން އުޅަނދެއްކަމަށް ހީވެގެން ކަމަށެވެ.
އެ ބަޔާނުގައި ބުނީ އެކަމުގެ ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
އިމާމް ޚޮމައިނީ އެއާޕޯޓުން ނައްޓާލި އެ ބޯޓު ވައްޓާލި އިރު އެ ބޯޓުގައި ތިބި 176 މީހުން ވަނީ މަރުވެފައެވެ.