11 Jan 2020, 09:49
މަސްކަޓް (ޑިސެމްބަރު 11): ގަލްފުގެ އަރަބި ގައުމެއް ކަމަށްވާ އޮމާންގެ ރަސްގެފާނު ސުލްތާން ގާބޫސް ބިން ސައީދު އަވަހާރަވެއްޖެއެވެ.
ރޭ ދަންވަރު ގާބޫސް އަވަހާރަވީ ހައެއްކަ އަހަރު ދުވަސް އާލާސްކަންފުޅެއްގައި ހޭދަކުރެއްވުމަށްފަހުގައި ކަމަށް އެގައުމުގެ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނެއްގައި ބުނެއެވެ. އަވަހާރަވުމަށް މެދުވެރިވި ވަކި ބައްޔެއްގެ ނަމެއް ހާމައެއް ނުކުރެއެވެ.
ސުލްތާން ގާބޫސް އަވަހާރަވުމާއެކު އޮމާނުން ވަނީ 40 ދުވަހުގެ މުއްދަތަށް ގައުމީ ހިތާމަ އިއުލާންކޮށްފައެވެ. ގައުމީ ހިތާމައިގާ ސަރުކާރުގެ އިތުރުން ޕްރައިވެޓް ސެކްޓަރުވެސް ޝާމިލްވާނެކަމަށް ބުނެފައިވެއެވެ. ނަމަވެސް ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ މަސައްކަތްތައް ހުއްޓުމަކަށް ގެނައުމަށް ހަމަޖެހިފައިވަނީ ތިން ދުވަހުގެ މުއްދަތަށެވެ.
18 ނޮވެމްބަރު 1940 ގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ގާބޫސް ބިން ސައީދު، އޮމާންގެ ރަސްކަމަށް އިސްވެ ވަޑައިގެންފައިވަނީ ލޭ އޮހޮރުވުމެއް ނެތް އިންގިލާބެއްގައި އޭނާގެ ބައްޕަ ސުލްތާން ސައީދު ބިން ތައިމޫރު ވެރިކަމުން ދުރުކުރުމަށްފަހު 23 ޖުލައި 1970 ވަނަ އަހަރުއެވެ. އުމުރުފުޅުން ގާތްގަނޑަކަށް 79 އަހަރުގައި ގާބޫސް އަވަހާރަވީ އޭނާގެ ރަސްކަމަށް 50 އަހަރު ފުރެން ގާތްވެފައިވަނިކޮށެވެ. ގާބޫސަކީ ފަހުގެ ތާރީޚެއްގައި އަރަބިންގެ ތެރެއިން އެންމެ ދިގު މުއްދަތަކަށް ރަސްކަމުގައި ދެމިހުންނެވި ރަސްގެފާނެވެ.
ގާބޫސް ތައުލީމު ހާސިލުކުރެއްވީ އޮމާންގެ ސަލާލާ ގައެވެ. އެއަށްފަހު ގާބޫސްގެ ބައްޕަ ސުލްތާން ސައީދު ބިން ތައިމޫރު އޭނާ މަތީ ތައުލީމު ހާސިލުކުރެއްވުމަށްޓަކައި ފޮނުއްވީ އިނގިރޭސިވިލާތަށެވެ. އިނގިރޭސިވިލާތުގައި ސިޔާސީ އަދި އަސްކަރީ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވިއެވެ. އަސްކަރީ ތައުލީމު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ "ސެންޑް ހާސްޓް ރޮޔަލް މިލިޓަރީ އެކަޑެމީ" އިންނެވެ. މިއީ އަރަބި ގިނަ ގައުމުތަކުގެ ރަސްރަސްކަލުންނާއި އެބޭފުޅުންގެ ދަރިން އަސްކަރީ ތައުލީމު ހާސިލްކުރާ މަޝްހޫރު އެކަޑެމީއެވެ.
ގާބޫސް ބިން ސައީދު އަވަހާރަވިއިރު އޭނާގެ ދަރިކަލަކު ނެތެވެ. އަދި ގަބޫސަކީވެސް އޭނާގެ ބައްޕަ ސައީދު ބިން ތައިމޫރުގެ ހުންނެވި ހަމައެކަނި ދަރިކަލުންނެވެ. ގާބޫސް އަވަހާރަވުމާއެކު އޮމާންގެ ރަސްކަމުގެ ދީވާނުންވަނީ ވިރާސީ ގޮތުން އެގައުމުގެ ރަސްކަމަށް އައު ބޭފުޅަކު އިޚްތިޔާރު ކުރުމަށް އެދި ޝާހީ އާއިލާއަށް ރަސްމީކޮށް އަންގާފައެވެ. އެކަމަށްޓަކައި އޮމާންގެ ޝާހީ އާއިލާގެ ޚާއްސަ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގާބޫސް ބިން ސައީދު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މިއަދުއެވެ. ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރު ކުރީގައެވެ. ޖަނާޒާގެ ގާފިލާ ދާނީ ގާބޫސްގެ ރަސްމީ ގަނޑުވަރުން ފެށިގެން ސުލްތާނުލްއަކްބަރު މިސްކިތަށެވެ. އެ މިސްކިތުގައި ގާބޫސްގެ މައްޗަށް ކަށުނަމާދު ކުރުމަށްފަހު އޭނާ ފަސްދާނު ލުމަށް ހަމަޖެހިފައިވަނީ އެ މިސްކިތުގެ ކައިރީ ހިސާބެއްގައިވާ ޝާހީ އާއިލާގެ ގަބުރުސްތާން ގައެވެ.
ގާބޫސްގެ ރަސްކަމުގައި އޮމާނަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވެއެވެ. އޮމާންގެ ތަރައްގީގެ ބާނީއަކީ އަދި އެކަމުގެ މޭސްތިރިއަކީވެސް ގާބޫސްއެވެ. ގާބޫސްގެ ރަސްކަމުގައި އޮމާނުން ގެންގުޅެފައިވަނީ ހުރިހާ ގައުމުތަކާވެސް ގާތްގުޅުންތަކެއް ބޭއްވުމުގެ ސިޔާސަތެކެވެ. އަދި އަރަބި ގައުމުތަކުގައި ހިނގާ ދާޚިލީ ހަނގުރާމަތަކާއި އަރަބީންގެ މެދުގައި އޮންނަ ފިތުނަތަކުގެ ތެރެއަށްވެސް އޭނާގެ ވެރިކަމުގައި އޮމާނުން ވަދެފައެއް ނުވެއެވެ. ގަލްފުގެ ގިނަ ގައުމުތަކާ ގުޅުންތައް ގޯސް އަވަށްޓެރި އީރާނާއެކުވެސް ގާބޫސްގެ ވެރިކަމުގައި އޮމާނުން ގާތްގުޅުންތަކެއް ބާއްވަމުން ގެންގޮސްފައިވެއެވެ. (އަލްޖަޒީރާ)