ބޮލީވުޑްގެ ކާމިޔާބު ބަތަލު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "އެޓޭކް"ގެ ޝޫޓިން ފަށައިފި އެވެ.

ޖޯން އަބްރަހަމް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ އަންހެން ލީޑަކީ ޖެކަލީން ފާނަންޑޭޒް އެވެ. ލަކްޝް ރާޖް އާނަންދު ޑައިރެކްޓްކުރާ ފިލްމުގައި ރަކުލް ޕްރީތް ސިންހް ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ޝޫޓިން ފެށިކަން ޖޯން އާއި ޖެކަލީން ވަނީ ޔަގީންކޮށްދީފަ އެވެ. އަދި ޝޫޓިންތެރޭ ނަގާފައިވާ ފޮޓޯއެއް ވެސް އެމީހުން ވަނީ ސޯޝަލް މީޑީއާގައި ހިއްސާކޮށްފަ އެވެ.

އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާ އިރު އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބަތަލާ ޖެކަލީން އާއި ބަތަލު ޖޯން ވަނީ މީގެ ކުރިން ވެސް ގިނަ ފަހަރެއްގެ މަތިން އެކުގައި މަސައްކަތްކޮށްފަ އެވެ.