30 Nov 2011, 14:15
އާންމު ތަންތާނގައި ދީނީ ދަރުސްތައް ނުބާއްވަން ބާރު އަޅާ ކަމަށް ބުނެ، މޯލްޑިވްސް ސޮސައިޓީ ފޯ އިސްލާމިކް ރިސާޗަށް މާލޭ ސިޓީ ކައުންސިލުން ފޮނުވި ސިޓީ މީޑިއާގައި އާންމުވުމާއެކު ކާނިވަލުގައި ދަރުސް ބޭއްވުމުގެ ހުއްދަ ކައުންސިލުން އެ ޖަމާއަތަށް އިއްޔެ ދީފި އެވެ. އޭގެ ކުރިން ވަނީ ކާނިވާ ސަރަހައްދުގައި ދަރުސް ބޭއްވުމަށް އިންކާރު ކޮށްފައެވެ.
"އިސްލާމްދީން ހިޔާޔަތް ކުރުން" މި މައުޟޫގެ ދަށުން ދަރުސެއް ބޭއްވުމަށް ކާނިވާ ސްޓޭޖް ސަރަހައްދު އިސްލާމިކް ރިސާޗަށް ދިނީ އެ ޖަމާއަތާ ސިޓީ ކައުންސިލުން ބައްދަލު ކުރުމަށްފަހުގަ އެވެ. އެ ޖަމިއްޔާގެ 25 މެންބަރުން ބައިވެރިވި ބައްދަލުވުމުގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ އާންމުތަންތާގައި ދީނީ ދަރުސް ނުބާއްވަން ބާރު އަޅާ ކަމަށް ބުނެ، އިސްލާކިމް ރިސާޗަށް ޖަވާބުދީފައި ވަނީ ކައުންސިލް މެންބަރުންނަށް އެނގިގެން ނޫން ކަމަށެވެ.
ނަމަވެސް މާލޭ ސިޓީގެ ކައުންސިލްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނަރަލް ހަސަން ޝާކިރު ވިދާޅުވީ އެފަދަ ޖަވާބެއް އެ ޖަމިއްޔާއަށް ދިނީ މޭޔަރު މޭޔަރު މައިޒާން އަލި މަނިކު (އަލިބެ) ވިދާޅުވި ގޮތަށް ކަމަށެވެ.
ޑެޕިއުޓީ މޭޔަރު އަހުމަދު ސަމާހު އިއްޔެ ވިދާޅުވީ ދީނީ ދަރުސް އާންމު ތަންތާގައި ދިނުމަށް ކައުންސިލުން ބާރު ނާޅާ ކަމަށް ބުނާ ވާހަކަތަކީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ދީނީ ދަރުސް އާންމުތަންތާގައި ބޭއްވުމަށް ވުރެ ބޮޑަށް މިސްކިތްތަކާއި ސްކޫލްތަކާއި ސިޓީ ހޯލް ފަދަ ތަންތަނުގައި ދަރުސް ދިނުމަށް އެދުމަކީ މޭޔަރުގެ "ހިޔާލުފުޅެއް" ކަމަށެވެ. އަދި އެ ހިޔާލުފުޅަކީ އެއްވެސް ގޮތަކަށް ކައުންސިލުން ބާރުއަޅާ ކަމެއް ނޫން ކަމަށާއި މޭޔަރުގެ ހިޔާލަށް އިސްލާމިކް ރިސާޗުން ބޭނުންވާނަމަ އަމަލު ކުރެވިދާނެ ކަމަށް ވެސް ސަމާހު ވިދާޅުވި އެވެ.
އިސްލާމިކް ރިސާޗުގެ ނާއިބު ރައީސް އިކްރާމް އަބްދުއްސައްތާރު މިއަދު ވިދާޅުވީ "އިސްލާމްދީން ހިމާޔަތް ކުރުން" މި މައުޟޫގެ ދަށުން އައްޝައިޚް އާދަމް ޝަމީމް ދެއްވާ ދަރުސް ކާނިވާ ސަރަހައްދުގައި ފެށޭނީ މާދަމާ ރޭ 8:45ގައި ކަމަށެވެ. އިސްލާމިކް ރިސާޗްގެ ދަރުސް ބޭއްވުގެ ހުއްދައަށް އެދި ދެ ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދިފައިވެ އެވެ.