ށ. މިލަންދޫ ދާއިރާ އިން ހުސްވެފައިވާ ދެ ގޮނޑިއަށް މެމްބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން އިއުލާންކޮށް، ކުރިން އެ މަގާމުގައި ތ ެންޑިޑޭޓުންނާއި ޕާޓީ ޓިކެޓް ހަވާލުކޮށްފި އެވެ.

މިލަންދޫ ދާއިރާ އިން ހުސްވެފައިވާ ދެ ގޮނޑިއަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރުމަށް، އެ ޕާޓީން ޓިކެޓް ދިނީ، އެމްޑީޕީގެ ކައުންސިލަރުންގެ ގޮތުގައި އެ މަގާމުގައި ކުރިން ތިއްބަވަނިކޮށް މަގާމުން ދުރުކުރި އަބްދުﷲ އާތިފް އާއި ފިރާގު އިބްރާހިމް އެވެ.

އެ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށެވެ.

މިލަންދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓުން އިއުލާން ކުރުމަށް އެ ޕާޓީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި، ކެންޑިޑޭޓުންނަށް ޕާޓީގެ ޓިކެޓް ހަވާލުކޮށްދެއްވަމުން އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ މުގައްރިރު އިބްރާހިމް ވަހީދު ވިދާޅުވީ މިލަންދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީގެ ފަރާތުން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލި ކަމަށާއި ނަމަވެސް މުއްދަތު ހަމަވި އިރު ވެސް އަބްދުﷲ އާތިފް އާއި ފިރާގު އިބްރާހިމް ފިޔަވައި އެހެން މީހަކު ކުރިމަތިލާފައި ނުވާ ކަމަށެވެ.

އިދިކޮޅު ޑީއާރުޕީގެ އަޣުލަބިއްޔަތު އޮންނަ ށ. އަތޮޅު ކައުންސިލްގެ އަށް މެމްބަރުންގެ ތެރެއިން މިލަންދޫ ދާއިރާގެ ކައުންސިލަރުންގެ މަގާމުގައި ތިއްބަވަނިކޮށް އަބްދުﷲ އާތިފް އާއި ފިރާގު އިބްރާހިމް މަގާމުން ދުރުކޮށްފައި ވަނީ އުޒުރެއް ނެތި ވިދިވިގެން ހަތް ބައްދަލުވުމަށް ހާޒިރު ނުވުމުން ކަމަށް ބުނެ ފާއިތުވި އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހު އެ އަތޮޅު ކައުންސިލުން ފާސްކުރި ގަރާރެއްގަ އެވެ.

ނަމަވެސް މިއަދުގެ ބައްދަލުވުމުގައި ފިރާގް އިބްރާހިމް ބުނީ އަތޮޅު ކައުންސިލުން ބޭއްވި ބައެއް ބައްދަލުވުންތަކުގެ އެޖެންޑާ ވެސް ފޮނުވަނީ ބައްދަލުވުން ނިމޭ ފަހުން ކަމަށާއި ބައްދަލުވުންތަކެއް ބާއްވާކަން އަންގާ ވެސް ނުލާ ކަމަށެވެ. އަދި ކުއްލި ބައްދަލުވުންތަކެއް ގޮތުގައި އަތޮޅު ކައުންސިލުން ބޭއްވި ހަތް ބައްދަލުވުމަކަށް ހާޒިރު ނުވެވުނީ އަތޮޅު ކައުންސިލްގައި ތިބި އެހެން ކައުންސިލަރުން "ރާވައިގެން ޖެހި މަޅިއެއްގައި" ޖެހުމުން ކަމަށް ވެސް ފިރާގު ބުންޏެވެ.

"އަތޮޅު ކައުންސިލުން ބައްދަލުވުންތައް ބޭއްވި ކަމެއް ނުވެސް އެނގޭ. ކުއްލި ބައްދަލުވުންތަކެއް ގޮތުގައި ބޭއްވި ބައްދަލުވުންތަކުން އަޅުގަނޑުމެންނަށް ލަނޑު ލިބުނީ. އެމީހުން ދުރާލާ ރާވައިގެން ކުރިކަމެއް އެއީ،" ފިރާގު ބުންޏެވެ.