19:00


އުތުރު ކޮރެޔާއާ ބައްދަލުކޮށް ލަނޑު ގޯންޏަކާއެކު ޕޯޗުގަލް މެޗު ކާމިޔާބުކޮށް ދެވަނަ ބުރުގެ އުންމީދު އާކޮށްފި


ތާރީޚީ މެޗެއްގެ ހަނދާންތައް އާކުރަމުން އުތުރު ކޮރެޔާއާ މިއަދު ހަވީރު ބައްދަލުކުރި މެޗް ލަނޑު ގޯންޏަކާ އެކު ކާމިޔާބުކޮށް ޕޯޗުގަލް އިން ދެވަނަ ބުރުގެ އުންމީދު އާކޮށްފި އެވެ. ކޭޕް ޓައުންގެ ގްރީން ޕޮއިންޓް ސްޓޭޑިއަމްގައި ކުޅުނު ގްރޫޕް ޖީގެ މިމެޗު ޕޯޗުގަލް ކާމިޔާބުކުރީ 7-0 ނެވެ.


ޕޯޗުގަލްގެ ގިނަ ހަމަލާތަކެއް ފެނިގެން ދިޔަ މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައި ވަނީ 48 ވަނަ މިނެޓްގައި ރައުލް މެރޭލެސް އެވެ. ޕޯޗްގަލްގެ ދެވަނަ ލަނޑަކީ މެޗުގެ 53 ވަނަ މިނެޓްގައި އެތްލެޓިކޯ މެޑްރިޑްގެ ހުނަރުވެރި ފޯވަޑް ސިމާއޯ ކާމިޔާބުކޮށްދިން ލަނޑެވެ. އޭގެ ދެމިނެޓް ފަހުން ޕޯޗުގަލްގެ ތިން ވަނަ ލަނޑު ޖަހާފައި ވަނީ ޑެކޯގެ ބަދަލުގައި މިއަދުގެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ޓިއާގޯ ދިން ހުރަހަކުން އަލްމެއިޑާ ބޮލުން ފޮނުވާލައިގެންނެވެ. މިލަނޑާއެކު ޕޯޗުގަލް ވަރަށް ބޮޑަށް ހަމަޖެހިގެން ދިޔަކަން ފާހަގަކުރެވުނެވެ. ޕޯޗުގަލްގެ ހަތަރު ވަނަ ލަނޑު ޖަހާފައި ވަނީ މެޗުގެ 60 ވަނަ މިނެޓްގައި ޓިއާގޯ އެވެ.


މެޗު ނިމެން ނުވަ މިނިޓަށް ވެފައި ވަނިކޮށް ޕޯޗުގަލްގެ ލީޑު އިތުރަށް ފުޅާކޮށްދިނީ ލީޑްސަން އެވެ. އަދި މެޗުގެ 88 ވަނަ މިނިޓުގައި ޕޯޗުގަލްގެ ހަވަނަ ލަނޑު ޖަހައިދިނީ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އަދި އޭގެ އެއްމިނިޓު ފަހުން އެޓީމުގެ ހަތްވަނަ ލަނޑު ޖަހައިދިނީ ޓިއާގޯ އެވެ.


މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗަށް ވެގެންދިޔަ މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިވަގުތު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.


މި މެޗުން މޮޅުވެ ދެވަނަ ބުރުގެ އުންމީދު ޕޯޗުގަލް އިން އާކުރިއިރު، މިމެޗުން ބަލިވުމާއެކު އުތުރު ކޮރެޔާ ވަނީ މުބާރާތަށް އަލްވަދާއު ކިޔާފަ އެވެ.


ޗިލީ އާއި ސްވިޒަލެންޑް މިރޭގެ މެޗަށް ނިކުންނައިރު ގަދަ ފަދަ ސްޕެއިން ސިއްސުވާލި ފަދަ ކުޅުމެއް ސްވިޒަލެންޑުން ދައްކާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އާޖެންޓީނާގެ މާޗެލޯ ބިއެލްސާގެ އިރުޝާދުގެ ދަށުން ނުކުންނަ ޗިލީ ކުޅޭ ހަލުވިކުޅުން ވެގެންދާނީ ސްވިޒަލެންޑުން އެންމެ ބޮޑަށް ވިސްނާނެ އަދި ސަމާލުވާނެ އެއް ކަމަކަށެވެ.


މިދެޓީމު އެންމެ ފަހުން ބައްދަލުކޮށްފައި ވަނީ 1962 ވަނަ އަހަރުގެ ޗިލީގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އެމެޗު ތިން ލަނޑު އެއް ލަނޑުން ކާމިޔާބުކޮށްފައި ވަނީ ޗިލީ އެވެ. މިރޭގެ މެޗަށް ޗިލީ ނިކުންނައިރު ކޯޗަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ސްޓްރައިކަރ ހަމްބާޓޯ ސުއާޒޯ އަށް ކުޅެވޭކަމެވެ.


އަނެއްކޮޅުން ސްވިޒް ކޯޗަށް ލިބިފައިވާ އެންމެ ބޮޑު ނުތަނަވަސް ކަމަކީ ތަޖުރިބާކާރު ޑިފެންޑަރ ސެންޑްރޯސްއަށް އަނިޔާވެ މިރޭގެ މެޗުގައި އޭނާއަށް ނުކުޅެވޭކަމެވެ. ނަމަވެސް ތަޖްރިބާކާރު ފޯވަޑް އެލެގްޒެންޑާ ފްރައި އަދި ވަލޮން ބެރާމީ އަށް މިމެޗުގައި ކުޅެވޭކަމީ އެޓީމަށް ލިބިފައިވާ ވަރަށް ބޮޑު ހިތްވަރެކެވެ.


މިރޭ ކުޅޭ ފަހުމެޗުގައި ވާދަކުރާ ސްޕެއިން އާއި ހޮންޑިއުރާސް ނިކުންނައިރު ދެޓީމު ވެސް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފަ އެވެ. އެހެންކަމުން މިރޭ މެޗަކީ ދެޓީމަށް ވެސް މުހިއްމު މެޗެކެވެ. މިއީ ދެޓީމުގެ ތާރީޚުގައި ވެސް މިދެޓީމް ބައްދަލުކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން މިދެޓީމް ބައްދަލުކޮށްފައިވަނީ 1982ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފުރަތަމަ ބުރުގަ އެވެ. އެމެޗް ނިމިގެން ގޮސްފައި ވަނީ އެކެއް އެކަކުން ދެޓީމް އެއްވަރުވެގެންނެވެ.


ދުނިޔޭގެ އެންމެ މަޝްހޫރު ލީގު އޮންނަ ސްޕެއިންނައަކީ ވޯލްޑްކަޕްގައި މާ ކާމިޔާބު ޓީމެއް ކަމަށް ސިފަކުރެވިފައިވާ ޓީމެއް ނޫނެވެ. ސްޕެއިން އަކީ ކޮންމެ އަހަރެއްގެ ވެސް ވޯލްޑް ކަޕަށް ގޮސްފައި ވަނީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނިގެންނެވެ.


މިރޭގެ މެޗަކީ ދުނިޔޭގެ އެއް ނަންބަރު ކީޕަރުންގެ ތެރޭގައި ހިމެނޭ ރެއާލްމެޑްރިޑްގެ ކީޕަރ އީކަރ ކަސިއާސްގެ ސްޕެއިންގެ ޖާރޒީގައި ގޯލް ބަލަހައްޓާދޭ 106 ވަނަ މެޗެވެ. މި ގްރޫޕްގައި މިރޭ ސްޕެއިން އަށް މޮޅުވާން މަޖްބޫރު ވެފައިވާއިރު ހޮންޑިއުރާސް ބަލިވެއްޖެ ނަމަ މުބާރާތާ އަލްވަދާއުކިޔާ ތިންވަނަ ޓީމު ކަމުގައި ހޮންޑިއުރާސް ވާނެ އެވެ.


މި މެޗަށް ފަހު މާދަމާ ކުޅެވޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތަކެވެ. މާދަމާ ރެއިން ފެށިގެން ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމެންދެން ކުޅެވޭނީ އެއް ގަޑިއެއްގައި ދެ މެޗެވެ.