މިހާތަނަށް 20،000 ހާސް މެންބަރުންގެ ފޯމް އިލެކްޝަނަށް ހުށައަޅައިފައިވާ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް ރަޖިސްޓްރީވިތާ އަދިވީ 33 ދުވަހެވެ.

ޕީޕީއެމްގެ ވަގުތީ ނައިބް ރައީސް އަބުދުއް ރަހީމް އަބުދުﷲ މިއަދު ވިދާޅުވީ ޕީޕީއެމުން އިލެކްޝަނަށް މިއަދު 4000 ހާސް ފޯމް ހުށައަޅާފައިވާ ކަމަށާއި އެ ފޯމްތަކާއެކު މިހާރު 20،000މެންބަރުންގެ ފޯމް އިލެކްޝަނުގައިވާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އަދަދަށް މެންބަޝިޕް ފޯމް ހަމަ ކުރެވުމުން ޕީޕީއެމަށް އޮތް ސަޕޯޓް ހާމާވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ފުރަތަމަ އިލެކްޝަނަށް ހުށައެޅީ 3600 ފޯމް އޭގެ ފަހުން 9600 ފޯމް ދެން ހުށައެޅީ 3000 ފޯމް މިއަދު މިހުށައެޅީ 4000 ފޯމް. އަޅުގަނޑުމެންނަށް ވެސް އެނގޭ ހުރިހާ ފޯމްތައް މުޅިން ރަޖިސްޓްރީ ނުކުރެވޭނެކަން، ކޮންމެވެސް ވަރަކަށް މައްސަލަ ހުރެވެސްދާނެ. އެކަމަކު އެ މެންބަރުންނަކީ އަޅުގަނޑުމެންގެ މީހުން. އެހެން ވީމާ އަޅުގަނޑުމެންނަށް ސަޕޯޓްކުރާ ވަރަށް ގިނަ ބަޔަކު އެބަތިބިކަން އެނގޭ" އަބުދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޑީއާރްޕީ އާއި އެމްޑީޕީ އުފެދިގެން ދިޔަތާ ހަ އަހަރުވެފައިވީއިރު އެ ޕާޓީތަކުގައި މެންބަރުން ތިބި ނިސްބަތަށް ބަލާއިރު ޕީޕީއެމާ މެންބަރުން ގުޅޭ ނިސްބަތް ބޮޑުތަން އިތުރު ކަމަށެވެ.

"ޑިއާރްޕީއާއި އެމްޑީޕީއަށް މެންބަރުން ވަދެފައިވާ ނިސްބަތަށް ބަލާއިރު ދުވާލަކު އެމްޑީޕީއަށް މީހުންވަދެފައިވާ ނިސްބަތަކީ 21 މީހުން. ޑިއާރްޕީއަށް 15މީހުން. އެކަމަކު ޕީޕީއެމްގެ ނިސްބަތް މިއުޅެނީ ވަރަށް މަތީގައި، އެއީ ދުވާލަކަށް ގާތްގަނޑަކަށް 606 މީހުންވަރު،" މަހުލޫފް ވިދާޅުވި އެވެ.

ޕީޕީއެމުން ބުނީ މިހާތަނަށް ރާއްޖޭގެ ހަތަރު އަތޮޅެއް ފިޔަވާ ހުރިހާ އަތޮޅުތަކަށް އެ ޕާޓީން ދަތުރުކޮށްފައި ވާކަމަށާއި އެކަމަކު ޕީޕީއެމަށް ވަނުމަށް ފޯމް ފުރާފައިވަނީ އަތޮޅުތަކު ފޮސްދޮޅަހަކަށް ރަށުން ކަމަށެވެ. އަދި ބުނީ ޕާޓީގެ ކޮންގްރެސް ބޭއްވުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށްދާނެ ކަމަށެވެ.