09 Jan 2020, 23:38
ކަށުނަމާދުގެ މައުލޫމާތު ގެނެސްދޭ "ކަށުނަމާދު .އެމްވީ" ފޭސްބުކު ޕޭޖަށް މީހަކު މަރުވެއްޖެ ކަމަށް ބުނެ މެސެޖުކޮށް ދޮގު މައުލޫމާތު ދީފިއެވެ.
ކަށުނަމާދު ޕޭޖު ހިންގާ އަހުމަދު މުނައްވަރު ބުނީ ކަށުނަމާދުގެ މައުލޫމާތު ގެނެސްދިނުމަށް އެދި ރޭ 12:03 އެހައިކަންހާއިރު ޕޭޖަށް މީހަކު މެސެޖު ކުރި ކަމަށާއި، އެ މެސުގައި ބުނިގޮތަށް މައުލޫމާތު ހިމަނައިގެން ޕޯސްޓަރު ހަދައި ޕޭޖުގައި ޝާއިއު ކުރި ކަމަށެވެ.
ނަމަވެސް އެއީ ދޮގު މައުލޫމާތެއް ކަން އެނގުމުން މާ ގިނައިރު ނުވެ އެ ޕޯސްޓު ޑިލީޓުކޮށްލާފައިވާ ކަމަށް އޭނާ ބުންޏެވެ.
މުނައްވަރު ބުނީ އަންހެނަކު މަރުވެގެން އެ މައުލޫމަތު ހިމަނައިދިނުމަށް އެދި މެސެޖު ކުރީ، މަރުވިކަމަށް ބުނާ މީހަގެ ފޮޓޯއާވެސް އެކު ކަމަށެވެ.
އޭނާ ބުނީ ޖެހިތާ ތިން މިނެޓު ތެރޭގައި އެއީ ދޮގެއްކަން އެނގުނު ކަމަށާއި އަވަހަށް ޕޯސްޓު ޑިލީޓު ކޮށްލީ ކަމަށެވެ. މި ހާދިސާ އާއެކު އެ ޕޭޖުގައި ކަށުނަމާދުގެ މައުލޫމާތު ހިމަނައިދޭ އުސޫލު ވަނީ ހަރުކަށި ކޮށްފައެވެ. އެގޮތުން މަރުވި މީހާގެ މަރުފޯމާއި މަރުވި މީހާގެ އައިޑީކާޑުގެ ފޮޓޯ އެއް އެ ޕޭޖަށް ފޮނުވުމުން ނޫނީ ދެން ކަށު ނަމާދުގެ މައުލޫމާތު ހިމަނައިނުދޭނެ ކަމަށް އޭނާ ބުންޏެވެ.
މުނައްވަރު ބުނީ ރުވި ކަމަށް ބުނާ އަންހެން މީހާ އަދި އޭނާގެ ފިރިމީހާ ވެސް ފަހުން އޭނާ އަށް މެސެޖު ކުރި ކަމަށާއި އަންހެން މީހާވެސް ހުރީ ހެޔޮ ހާލުގައި ކަމަށެވެ.
ކަށުނަމާދު ޕޭޖު މެދުވެރިކޮށް ކަށުނަމާދުގެ މައުލޫމާތު ފޯރުކޮށްދޭތާ ހަތަރު އަހަރެއްހައި ދުވަސް ވެފައިވާއިރު އެ ޕޭޖުގެ ފޮލޯވަރުންގެ އަދަދު 51،0000 އަށް ވުރެ ގިނައެވެ.