ރާއްޖެއަކީ ހިމަބިހި (މީސްލްސް) ނައްތާލެވިފައިވާ ގައުމެއް ކަމުގައި ކަނޑައެޅިތާ ގާތްގަނޑަކަށް ތިން އަހަރު ފަހުން، އެ ބައްޔަށް ޝައްކުކުރެވޭ މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިއަދު ބުނީ ހިމަބިއްސަށް ޝައްކުވާ ފަރާތެއް ފެނުމުން، ޓެސްޓްކޮށް ބަލި ހުރިތޯ ޔަގީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެހެންކަމުން ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދެއްވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

އެއާއެކު ރާއްޖެ ވެގެންދިޔައީ މި ސަރަހައްދުން އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވުނު ދެ ގައުމުގެ ތެރެއިން އެއް ގައުމަށެވެ. ރާއްޖެއާއެކު ބޫޓާން އަކީ 2020 ވަނަ އަހަރު އައުމުގެ ކުރިން މި ސަރަހައްދުގެ ގައުމުތަކުން ހިމަބިހި ނައްތާލުމަށް ކަނޑައަޅާފައިވާ ޓާގެޓްގެ ކުރިން މިކަން ހާސިލުކުރެވިފައިވާ ދެ ގައުމު ކަމުގައި ކަނޑައެޅުނެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިން ދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ.

ހިމަބިހި ރާއްޖޭގައި ފެތުރުން މަދުކުރުމަށް އާއްމުކޮށްދޭ ވެކްސިންދޭ އުމުރުފުރާގެ އިތުރުން އެހެން އުމުރުފުރާތަކަށް އަމާޒުކޮށްގެން 2005، 2006 އަދި 2007 ގައި ވެކްސިން ދިނުމުގެ ކެމްޕެއިން (ސަޕްލިމެންޓަރީ އިމިއުނައިޒޭޝަން އެކްޓިވިޓީ) ތަކެއް ހިންގިއެވެ. އަދި 2007 ވަނަ އަހަރުން ފެށިގެން އެމްއެމްއާރް (މީސްލްސް، މަމްޕްސް އަދި ރުބެއްލާ) ވެކްސިން ގައުމީ ވެކްސިން ތާވަލަށް އިތުރުކޮށް މީސްލްސް ވެކްސިން ގެ ދެ ޑޯޒް ކުޑަކުދިންނަށް ދޭންވަނީ ފަށާފައެވެ.

ރާއްޖެއިން ހިމަބިހި މުޅިން ނައްތާލެވުނު ކަމަށް ކަނޑައެޅި އިރު، ރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެފަހުން ފެނިފައި ވަނީ 2009 ވަނަ އަހަރުއެވެ.

މިކަމާ ގުޅޭގޮތުން ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ ރާއްޖެއިން ހިމަބިހި ފެނިފައިވާ ކަމަށާއި އެހެންކަމުން ދަރިފުޅުގެ ވެކްސިން ކާޑު ޗެކް ކުރުމަށް އިލްތިމާސް ކުރައްވައިފައެވެ.

"ވެކްސިން ނުޖަހާ ހުއްޓާ އޭގެން ރައްކާތެރިކޮށްދޭ ބައްޔެއް ޖެހިއްޖެނަމަ އެ ކޮންޓުރޯލްކުރެވޭނޭ ގޮތްތައް ރާއްޖޭގައި ވެސް މަދުވާނެ،" ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ ހިމަބިހި ކޮންޓުރޯލް ކުރެވޭނެ ހަމައެކަނި ގޮތަކީ މީސްލްސް އެމްއެމްއާރް ނުވަތަ އެމްއާރް މިއިން ކޮންމެވެސް އެއްޗެއްގެ ދެ ޑޯޒް ހަމަކުރުމުން ކަމަށެވެ.

"ހިމަބިހި ޖެހިފައި ހުރި މީހަކު ތަނެއްގައި މަޑުކޮށްލައިގެން އިނދެފައި ދިޔަޔަސް އެއް ގަޑިއިރު ވަންދެން އެ ވައިރަސް އެތަނުގައި ހުރޭ. އަދި އެތަނަށް އަންނަ އެހެން މީހުންނަށް ޖެހޭނެ،" ފައިސަލް ވިދާޅުވިއެވެ.

ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ ހިމަބިހި ފެތުރެނީ ބަލި ޖެހިފައިވާ މީހަކު ކެއްސާ، ކިނބިހި އަޅާ އިރު ބޭރުވާ ތެތްކަން ނުވަތަ ތެތްތިކީގެ ޒަރީއާއިންނެވެ.

ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ނޭފަތުން ފެންއައިސް، ލޯރަތްވެ، އަނގައިގެ ތެރޭގައި ކުދިކުދި ހުދު ތިކިތަކެއް ޖެހުން ހިމެނެއެވެ.

ހިމިބިހިން ރައްކާތެރިވެވޭނެ ހަމައެކަނި ގޮތަކީ ވެކްސިން ޖެހުމެވެ. ނަމަވެސް ވެކްސިން ނުލިބުމުންނާއި ވެކްސިންގެ ސަބަބުން އޯޓިޒަމް ޖެހޭ ކަމަށް ބުނާ ސައްހަ ނޫން މައުލޫމާތު ގަބޫލު ކުރުމުގެ ސަބަބުން ބައެއް ގައުމުތަކުގައި ވެކްސިން ޖަހާ މީހުންގެ އަދަދު ވަނީ ފަހަކަށް އައިސް މަދުވެފަ އެވެ.

ހިމަބިހި ފެތުރުން ހުއްޓުވުމަށް ޖަހާ ވެކްސިންއިން އޯޓިޒަމް ޖެހުމުގެ ފުރުސަތު ބޮޑުވާކަމަށް ބުނާ ދިރާސާއެއް ފުރަތަމަ ޕަބްލިޝް ކުރީ އިނގިރޭސި ޑޮކްޓަރެއް ކަމަށްވާ އެންޑްރޫ ވޭކްފީލްޑް އިސްކޮށް ހުރި 12 މީހުންގެ ޓީމަކުންނެވެ. ލާންސެޓް ޖާނަލްގައި 1998 ވަނަ އަހަރު ޕަބްލިޝްކުރި އެ ދިރާސާގެ ސަބަބުން ހިމަބިހި ވެކްސިން ޖަހާ މީހުންގެ އަދަދު އިންތިހާއަށް މަދުވިއެވެ.

ނަމަވެސް ސައިންސުވެރިން ފަހުން ހެދި އެފަދަ ގިނަ އަދަދެއްގެ ދިރާސާތަކުން ވެކްސިން އާއި އޯޓިޒަމްއާ ގުޅުން ހުރިކަން ފާހަގަވެފައި ނުވާ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނެ އެވެ. އަދި ވޭކްފީލްޑްގެ ދިރާސާ ތަހުގީގު ކުރި ނޫސްވެރިއަކު ވަނީ އެދިރާސާ ހެދުމުގައި އޭނާގެ މަސްލަހަތަށް ފުށޫ އަރާ ކަންތައްތަކެއް ހުރި ކަމަށް ބުނެފައެވެ. އޭގެ ސަބަބުން އެދިރާސާގައި ވޭކްފީލްޑްގެ ނިންމުމަށް ތާއިދުކޮށް ވާހަކަދެއްކި 10 މީހަކު އެމީހުންގެ ބަސް އަނބުރާ ގެންދިޔައެވެ. އޭގެ ފަހުން ވޭކްފީލްޑްގެ މެޑިކަލް ލައިސެންސް ވަނީ އަތުލާފައެވެ.

ދާދި ފަހުން ޖަރުމަނުވިލާތުގައި ހިމަބިހީގެ ގިނަ ކޭސްތަކެއް ފެންމަތިވުމާ ގުޅިގެން، މިދިޔަ އަހަރު އެގައުމުގެ ޕާލިމަންޓުން ވަނީ ކުޑަކުދިންނަށް ހިމަބިހި ވެކްސިން ދިނުން ލާޒިމުކުރާ ބިލެއް ފާސްކޮށްފައެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަނުން ބުނާ ގޮތުގައި، އުމުރުގެ ސަބަބުން ނުވަތަ ދިފާއީ ނިޒާމު ބަލިކަށިވުން ފަދަ ސަބަބުތަކާ ހެދި ވެކްސިން ނުޖެހޭނެ ފަރާތްތައްވެސް ހިމަބިހިން ރައްކާތެރިކުރުމަށްޓަކައި، ކޮންމެ 100 މީހެއްގެ ތެރެއިން 95 ޕަސެންޓު މީހުންނަށް ވެކްސިން ޖަހަން ޖެހެއެވެ.