30 Nov 2011, 13:06
އއ. އަތޮޅު ރައްޔިތުންގެ ބަޖެޓުން 100،000ރ. ހަރަދުކޮށްގެން ދިރާގުގެ 1250 ހިއްސާ އެ އަތޮޅު ކައުންސިލުން އިއްޔެ ގަނެފި އެވެ.
އއ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލީ ސަމީރު މިއަދު ވިދާޅުވީ ދިރާގުގެ ހިއްސާ ގަތީ ކައުންސިލްގެ ހުރިހާ މެމްބަރުންގެ އިއްތިފާގުން އެކަން ފާސްވުމުން ކަމަށެވެ. އަދި އެއީ އަތޮޅުގެ ރައްޔިތުންނަށް ފައިދާވާނެ އިންވެސްޓްމެންޓެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ގަބޫލުކުރަނީ މި އިންވެސްޓްމެންޓުން އަޅުގަނޑުމެންނަށް އަހަރަކު އަށެއް ނުވަތަ 11 ޕަސެންޓް ފައިދާ ލިބޭނެ ކަމަށް. އަދި އަށް އަހަރު ދުވަހުގެ ތެރޭގައި މި އިންވެސްޓްމެންޓް ކަވަރު ވާނެ ކަމަށް،" ސަމީރު ވިދާޅުވި އެވެ.
ސަމީރު ވިދާޅުވީ ދިރާގުގެ ހިއްސާ ގަތުމާ މެދު އއ. އަތޮޅުގެ ރަށު ކައުންސިލްތަކުގެ މަޝްވަރާއެއް ވެސް އަދި ރައްޔިތުންގެ މަޝްވަރާއެއް ވެސް އަތޮޅު ކައުންސިލުން ހޯދާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން އެބޭފުޅުން އިންތިހާބުކޮށްފައި ވުމުން ދޭހަ ވަނީ އެ ބޭފުޅުންނަށް އިތުބާރު ކުރާކަން ކަމަށެވެ.
ސަމީރު ވިދާޅުވީ ދިރާގުގެ ހިއްސާ ގަތުމުން ގެއްލުން ވެދާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.
"ދިރާގަކީ އެ ކުންފުނީގެ ފައިދާ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކުންފުންޏެއް. އެހެންވީމާ އަޅުގަނޑުމެން މިކުރި އިންވެސްޓްމަންޓުން އެއްވެސް ގެއްލުމެއް ވެދާނެ ކަމަށް ގަބޫލެއް ނުކުރަން،" ފަސް މެންބަރުންނާ އެކު އެމްޑީޕީ މެޖޯރިޓީ އޮންނަ ކައުންސިލުގެ ނިންމުމާ ބެހޭ ގޮތުން ސަމީރު ވިދާޅުވި އެވެ.
ދިރާގުގައިވާ ދިވެހި ސަރުކާރުގެ 48 ޕަސެންޓް ހިއްސާގެ ތެރެއިން 15 ޕަސެންޓް ހިއްސާ ވިއްކުމަށް އެ ކުންފުނިން ހުޅުވާލި މުއްދަތު، ކުރިން މިއަދު ހަމަވާ ގޮތަށް އޮތް ނަމަވެސް އެ މުއްދަތު ވަނީ އަންނަ މަހު 4 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ.