އަންނަ އާދިއްތަ ދުވަހު މާލޭގައި ފަށާ އާ ސްކޫލް، އިއްޒުއްދީން ސްކޫލްގެ އެކްޓީވިޓީ ޔުނީފޯމް މިހާރު ލިބޭނެކަމަށް އެޗްއެމްއެފް މޯލްޑިވްސް އިން ބުނެފިއެވެ.

އެޗްއެމްއެފްއިން ބުނީ އަތް ކުރު އަދި އަތް ދިގު އެކްޓިިވިޓީ ޔުނީފޯމް މިހާރު އެ ފިހާރައިން ލިބޭނެ ކަމަށެވެ. އެޗްއެމްއެފް ހުންނަނީ ރަށްދެބައިމަގުގައި ހުންނަ މަދާކެއާކައިރީގައެވެ.

އެކްޓިވިޓީ ޔުނީފޯމްގެ މަތި ހުންނަނީ ދަނބުކުލައިގައެވެ. އަދި ތިރި ހުންނަނީ ކަޅުކުލައިގައެވެ.

އިއްޒުއްދީން ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ނުލިބިގެން ފަހަކަށް އައިސް ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ޝަކުވާވެސް ކުރަމުންނެވެ. އެ ސްކޫލްގެ ރަސްމީ ޔުނީފޯމް މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިއްކަން ފަށައިފަ އެވެ.

އެމްއީއެސް ކުރިން ހިންގި އިމާރާތުގައި މަރާމާތުކޮށް ފަށާ އިއްޒައްދީން ސްކޫލްގައި ވަސީލަތްތައް ގާއިމުކޮށް ޓީޗަރުން ނެގުމަށް ބަޖެޓުގައި 20.2 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ

އިއްޒުއްދީން ސްކޫލު އުފައްދަނީ ސްކޫލުތައް ދަންފަޅިއަށް ބަދަލުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވާދިނުމަށް ބޭނުންވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށްޓަކަ އެވެ. މާލޭގައި އެއް ދަންފަޅިއަށް ހިންގާ ސަރުކާރު ސްކޫލެއް މިވަގުތު ނެތް އިރު، މާލޭގެ ސްކޫލުތަކުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އިތުރު ސްކޫލުތައް އަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިފަހުން ވަނީ ވިދާޅުވެފަ އެވެ.

ގްރޭޑް 6-1 އަށް އެ ސްކޫލުން 350 ކުދިންނަށް ޖާގަ ދެވޭނެކަަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.