09 Jan 2020, 12:27
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ މެކް މިލާ މަރުވުމުން ކުރިން ރެކޯޑުކޮށްފައިވާ އެންމެ ފަހުގެ ލަވަތައް ރިލީޒުކުރަން އާއިލާއިން ނިންމައިފި އެވެ.
އުމުރުން 26 އަހަރުގެ ރެޕް ލަވަކިޔުންތެރިޔާ މަރުވުމުގެ ކުރިން އޭނާ މަސައްކަތްކުރަމުން ދިޔައީ އޭނާގެ ސްޓޫޑިއޯ އަލްބަމްގެ މަސައްކަތެވެ. އެ އަލްބަމަށް ތައްޔާރުކުރި ލަވަތަކުގެ ތެރެއިން ނިމިފައިވާ ލަވަތައް އަލްބަމެއްގެ ގޮތުގައި ނެރޭނެކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
"މެލްކަމް [މެކް] މަރުވުމުގެ ކުރިން އޭނާ މަސައްކަތްކުރަމުން ދިޔައީ 'ސްވިމިން' އަލްބަމްއަށް ކޮމްޕޭނިއަން އަލްބަމެއްގެ ނެރުމަށް. އެ އަލްބަމްއަށް އޭނާ ކިޔުމަށް ނިންމާފައިވަނީ 'ސާކަލްސް'،" އާއިލާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
އާއިލާއިން ބުނީ އެ އަލްބަމް ނެރުން މުހިންމު ކަމަށެވެ. އެއީ މެކް ދުނިޔޭގައި ހުރި ނަމަ އޭނާ އެ ލަވަތައް އާންމުން އަޑުއަހަން ބޭނުންވާނެކަމަށް އާއިލާއިން ފާހަގަކުރިއެވެ.
ސާކަލްސްގެ ނަމުގައި އާ އަލްބަމް ނެރޭ އިރު އެ އަލްބަމްގެ ޓްރެކްލިސްޓެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް މި މަހު 17ގައި އެ އަލްބަމް ނެރޭނެކަމަށް އާއިލާއިން ވަނީ އާންމުކޮށްފައެވެ.
ޑްރަގް އޯވަޑޯޒް ވެގެން މެކް މިލާ މަރުވީ 2018 ވަނަ އަހަރުގައެވެ.