ވޯގް އެރެބިއާގެ ޖެނުއަރީގެ އަދަދުގައި ރާއްޖެއަށް ހާއްސަކޮށް، "އެވްރިޑޭ ހީރޯޒް"ގެ ގޮތުގައި ދިވެހި ހުނަރުވެރިންތަކެއް ފީޗާކޮށްފި އެވެ.

ވޯގް އެރެބިއާ އަކީ އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާ "ވޯގް" އިން ޔޫއޭއީގައި ނެރޭ އެ މަޖައްލާގެ މެދުއިރުމައްޗަށް ހާއްސަ އެޑިޝަން އެވެ.

ވޯގް އެރެބިއާ "މޯލްޑިވްސް ސްޕެޝަލް" އެޑިޝަނުގައި ރާއްޖޭގެ ތަފާތު ހަތް ދާއިރާއަކުން އަށް ހުނަރުވެރިޔަކު ވަނީ ފީޗާކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ޑައިވިން އިންސްޓްރަކްޓަރު ޝާޒިޔާ ސައީދު، މިއުޒީޝަން މުހައްމަދު ޝިއުޒް، ފޮޓޯގްރާފަރު އާއިޝަތު ނަޖީލާ (ނަޖް)، ޝެފް އަހްމަދު ފަތީން، ފެޝަން ޑިޒައިނަރު އާއިޝަތު ޝަމްލާ، އޮންޓަޕްރިނިއަރުން ކަމުގައިވާ އަހްމަދު ރިޔާޒް އަދި މުހައްމަދު ފަޔާޒް އާއި މެރިން ކޮންޒަވޭޝަނަލިސްޓް އިރްތިޝާމް ޒަރީރް (އިރޫ) އެވެ.

އެފަރާތްތަކުން ވަނީ އެމީހުންގެ މަސައްކަތާއި ހުނަރުގެ ވާހަކަ ވޯގް އެރެބިއާ އާ ހިއްސާކޮށްފަ އެވެ. އެގޮތުން، ދާއިރާއަށް ވަދެވުނު ގޮތާއި ލިބިފައިވާ ކާމިޔާބީތަކާއި އަދި ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް ވަނީ ވާހަކަ ދައްކައިފަ އެވެ.

މަޖައްލާގައި ފީޗާކޮށްފައިވާ ދިވެހި ހުނަރުވެރިންގެ ފޮޓޯތައް ނަގާފައި ވަނީ އަންކިތާ ޗަންދުރާ އެވެ.

މިއީ ބައިނަލްއަގްވާމީ މަޖައްލާއެއްގައި މިހާ ގިނަ އަދަދެއްގެ ދިވެހިން ފީޗާކުރި ފުރަތަމަ ފަހަރެވެ. މީގެކުރިން ވޯގް އިންޑިއާގައި ދިވެހި މޮޑެލް ރައުދާ އާތިފް ވެސް ވަނީ ފީޗާކޮށްފަ އެވެ. އެއާއެކު ރައުދާވެގެން ދިޔައީ ވޯގް މަޖައްލާއެއްގެ ބޭރުގަނޑަށް އެރި ފުރަތަމަ ދިވެހި މޮޑެލް އަށެވެ.

"މޯލްޑިވްސް ސްޕެޝަލް" އެޑިޝަނުގެ ބޭރުގަނޑުން ފެނިގެންދަނީ ޕުލްމަން މޯލްޑިވްސް މާމުޓާ ރިސޯޓުގެ އަތިރިމަތީގައި ކުވައިތުގެ އެކްޓަރު އަދި މޮޑެލް ހާޔާ އަބްދުއްސަލާމް އޮށޯވެލައިގެން އޮންނަ މަންޒަރެވެ. އަދި މި އެޑިޝަންގައި ހާޔާގެ ފަހަތުން ރާއްޖޭގެ ރީތިކަމާއި ފުރިހަމަކަން ފެނިގެންދާ ގިނަ ފޮޓޯތަކެއް ވަނީ ހިމަނައިފަ އެވެ.

މިއީ، ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.