30 Nov 2011, 12:56
ސްކޫލުތަކުގެ ބަންދު ދުވަސްވަރާ ދިމާކޮށް ދަރިވަރުން ހެޔޮގޮތުގައި ޗުއްޓީގެ ބޭނުން ހިފަން ދަސްކޮށްދީ އެ އާދަ އާއި ހުނަރު ހިފަން ދަސްކޮށް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ދެ އަތޮޅެއްގައި ހޮލިޑޭ ކޭމްޕެއެއް ބާއްވައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރީގެ ސްޕްރިޓެންޑެންޓް ޖާދުއްﷲ ހުސެއިން ތައުފީގު މިއަދު ވިދާޅުވީ ގއ. އަތޮޅު ތައުލީމީ މަރުކަޒުގައި މި މަހުގެ 19 އިން 22 އަށް ބޭއްވި ހަތަރު ދުވަހުގެ ކޭމްޕްގައި ހަތަރު ސްކޫލަކުން 80 ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި އަދި ގދ. އަތޮޅު ތައުލީމީ މަރުކަޒުގައި މިމަހުގެ 25 އިން 29 އަށް ބޭއްވި ފަސް ދުވަހުގެ ކޭމްޕްގައި ތިން ސްކޫލަކުން 54 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.
ޖާދުއްﷲ އިތުރަށް ވިދާޅުވީ ދަރިވަރުންނަށް ހިންގި ހޮލިޑޭ ކޭމްޕްގައި ބައިވެރިވި ދަރިވަރުންނަށް ގިނަ ހުނަރުތަކެއްގެ އިތުރުން ރަނގަޅު އާދަތަކެއް ދަސްކޮށްދެވިފައި ވާނޭ ކަމަށެވެ. އޭގެތެރޭގައި ލައިފް ސޭވިން ސްކިލްތަކަކާއި ދަނޑުވެރިކަމުގެ ހުނަރުތަކާއި ގަޑިން ގަޑިއަށް ކަންތައް ކުރުމުގެ އާދަތަކެއް ދަސްކޮށްދެވިފައި ވާނޭ ކަމަށެވެ.
އަދި މި ދެ ކޭމްޕަށް ބެލެނިވެރިންނާއި ރަށްރަށުގެ ކައުންސިލްތަކާއި މުއައްސަސާތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ކޭމްޕްގެ ސަބަބުން އަތޮޅު ސުކޫލުތަކުގެ މެދުގައި ގުޅުން ބަދަހިވެގެން ގޮސްފައިވާ ކަމަށް ޖާދުއްﷲ ވިދާޅުވި އެވެ.