ގައުމު ތަރައްގީ ވެގެންދާނީ އަނެކާގެ ކަންތަކަށް އިސްކަން ދިން މިންވަރަކުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

"ރަން އަހަރު"ގެ ނަމުގައި ދަރުބާރުގޭގައި ޔޫތު މިނިސްޓްރީން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ އާންމުންގެ މުޖުތަމު ތަރައްގީކުރުމަށްޓަކައި އަނެކާގެ ހައްގުތައް ދެނެގަތުން މުހިއްމު ކަމަށެވެ. އަދި ތަރައްގީގެ އިސް ސަފުގައި ޒުވާނުން އިސް ރޯލެއް އަދާކުރާ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"މިއަދު ދިވެހި ޒުވާނުން، ޒުވާނުންގެ ހުރި ހުނަރު، ދަަައްކަމުންދާއިރު މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.

މިހާރު ކޮންމެ ދުވަހަކުވެސް އިވެނީ ކޮންމެވެސް ނުރައްކާތެރި އަދި ހިތާމަވެރި ކަމެއްގެ ވާހަކަ ކަމަށާއި އެކަންތައްތަކަކީ ޒުވާނުން މިއަދު ފުންކޮށް ވިސްނަން ޖެހޭ ކަންތައްތައް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

"އެކަކު އަނެކަކަށް އަޅާލައި، މުއާމަލާތްކުރުމުގައި ރީތި ގޮތްތައް ގެންގުޅޭ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ. އަޅުގަނޑުމެންގެ ގައުމު ކުރިއަރައިގެން، ތަރައްގީވެގެން ތަހުޒީބު ބައެއްގެ ގޮތުގައި އަޅުގަނޑުމެންނަށް ދެމިތިބެވޭނީ އަނެކާގެ ހައްގު އަޅުގަނޑުމެން ދަނެގެން،" ފައިސަލް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ އިންސާނާގެ ސިއްހަތަކީ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ. އަދި ދުޅަހެޔޮ ސިއްހަތެއް ގާއިމުކުރުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ސަރުކާރުން ހިންގާ "ދުޅަހެޔޮ، ހަށިހެޔޮ" ޕްރޮގްރާމަކީ އެކަމާ ގުޅުންހުރި ހަރަކާތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.