ނިއުދިއްލީން: މުހައްމަދު ޝާން

އަންނަ ހުކުރު ދުވަހު އިއްޑިޔާގެ ވެރިރަށް ނިއުދިއްލީގައި ފަށާ ސާޗް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ތިބޭ ހޮޓަލަށް ގޮސް، އެއްވެސް ކުޅުންތެރިޔަކާ ބައްދަލު ނުކުރެވޭނެ ކަމަށް މިވަގުތު ދިއްލީގައި ތިބެއްވި ދިވެހި ނޫސްވެރިންނަށް އަންގައިފި އެވެ.

ރާއްޖޭގެ ޤައުމީ ފުޓްބަޅަ ޓީމް ދިއްލީގައި ތިބެނީ ހިލްޓަން ހޮޓަލުގަ އެވެ.

ޤައުމީ ޓީމްގެ މީޑިއާ އޮފިސާ ޖައުޝަން ޝަރީފް ބުނީ، އެހެން ފަހަރުތަކާ ހިލާފަށް މިފަހަރުގެ މުބާރާތުގައި ދިވެހި ޓީމް ތިބޭ ހޮޓަލަށް ގޮސް، އެއްވެސް ކުޅުންތެރިއަކާ ބައްދަލުކޮށް މައުލޫމާތެއް ނުނެގޭނެ ކަމަށެވެ. އެހެންނަމަވެސް ޕްރެކްޓިސްތަކާއި މެޗަށް ފަހު ކުޅުންތެރިންނާ ބައްދަލު ކުރެވޭނެ ކަމަށެވެ.


މިފަހަރުގެ މުބާރާތުގައި ވާދަކުރުމަށް ދިއްލީގައި މިވަގުތު ތިބި ދިވެހި ޓީމްގެ ފުރަތަމަ ޕްރެކްޓިސް އިއްޔެ ހަވީރު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ދެ ވަނަ ޕްރެކްޓިސް އޮތީ ރާއްޖޭ ގަޑިން އިއްޔެ 3:30 ގައެވެ. ދިވެހި ޓީމްގެ ޕްރެކްޓިސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މުބާރާތުގެ މެޗްތައް ކުޅޭ ނެހެރޫ ސްޓޭޑިއަމް އާއި ޖެހިގެން އޮންނަ ޕްރެކްޓިސް ފީލްޑުގަ އެވެ.

މިވަގުތު ދިއްލީގެ ފިނިހޫނު މިނަކީ (ދިއްލީއަށް 11:50 މެންދުރު) ގާތް ގަޑަކަށް ރާއްޖެއާއި އެއް ލެވެކެވެ. އެހެން ނަމަވެސް ހަވީރު އަތަށް އަޅާލުމުން ފިނިވާރު 16 ޑިގްރީ ސެލްސިއަސްއަށް ދަށަށްދާނެ ކަމަށް މައުލޫމާތު ލިބެ އެވެ.

ދިއްލީގެ ފިނިހޫނު މިނާ ގުޅިގެން ދިވެހި ޓީމްގެ ކޯޗް އުރުބާނީ ބުނީ، މޫސުމުގެ މައްސަލައަކީ ޓީމަށް މާބޮޑު މައްސަލައެއް ނޫންކަމަށާއި ޓީމް އޮތީ މިފަހަރުގެ މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.