08 Jan 2020, 15:44
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށްޓަކައި މި މަހުގެ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ މީހުންގެ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު ހަދައިދިނުން މެދުކަނޑާލަން
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އިން ނިންމައިފި އެވެ.
ޑީއެންއާރް އިން ބުނީ މައުލޫމާތު ބަދަލުވެގެން އައިޑީކާޑު އާކުރުން މެދުކަނޑާލަން ނިންމީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ވޯޓާސް ލިސްޓް އިލެކްޝަންސް ކޮމިޝަނަށް ފޮނުވުމަށް ކަމަށެވެ.
އެހެންކަމުން 18 އަހަރުން މަތީ ފަރާތްތަކުގެ މައުލޫމާތު ބަދަލުވެފައިވާ ނަމަ މި މަހުގެ 15 ވާ ބުދަ ދުވަހުގެ ކުރިން އައިޑީ ކާޑު ހެއްދުމަށް ހުށަހަޅަން ޑީއެންއާރް އިން ވަނީ އެދިފަ އެވެ.
ޑީއެންއާރް އިން ބުނީ ޖެނުއަރީ 16 ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީ ފަރާތްތަކަށް މައުލޫމާތު ބަދަލުވެގެން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުން މެދުކަނޑާލާނެ ކަމަށެވެ.
އަދި އެގޮތަށް ނިންމަން ޖެހުނީ ކައުންސިލް އިންތިހާބުގައި ދިވެހި އެއްވެސް ރައްޔިތަކަށް ވޯޓުލުމުގެ ހައްގު ގެއްލިގެން ދިޔަ ނުދިނުމަށް ޓަކައި ކަމަށެވެ.
އިންތިހާބަށް ފަހު ކުރިއެކޭ ވެސް އެއްގޮތަށް 18 އަހަރުން މަތީގެ ފަރާތްތަކުގެ ވެސް މައުލޫމާތު ބަދަލުކޮށް ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ޑީއެންއާރް އިން ބުންޏެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން، ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި މަހުގެ 15ގެ ކުރިން ރައްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގައިފަ އެވެ.
އިލެކްޝަންސް އިން ބުނީ އެ ތާރީހަށް ފަހު ވޯޓުލާމީހުންގެ ރަޖިސްޓްރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށެވެ.
ކައުންސިލް އިންތިހާބް ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ.