ހޯރަފުށީގައި ބާއްވަން އެޖެންޑާ ކުރި ހއ. އަތޮޅު ކައުންސިލްގެ ޖަލްސާ، އެ އަތޮޅު މޮޅަދޫގައި އިއްޔެ ބާއްވައިފި އެވެ.

އަތޮޅު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ރަޝީދު މިއަދު ވިދާޅުވީ ދިއްދޫ ފިޔަވާ ފުރަތަމަ ފަހަރަށް އަތޮޅުގެ އެހެން ރަށެއްގައި ކައުންސިލްގެ ބައްދަލުވުން ބޭއްވީ ދިއްދޫގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ކައުންސިލަރުން މަސައްކަތްކުރައްވާނެ މާހައުލެއް އެ ރަށުގައި ގާއިމްވެފައިވާކަމަށް ކައުންސިލަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ. މޮޅަދޫގައި ޖަލްސާ ބޭއްވީ 12000ރ. ހަރަދުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

މޮޅަދޫ ކައުންސިލްގެ އިދާރާގައި ބޭއްވި އަތޮޅު ކައުންސިލްގެ ބައްދަލުވުމަށް ވަޑައިގަތީ ހަތް މެންބަރުންނެވެ. ކައުންސިލުގައި 10 މެންބަރުން ތިއްބަވަ އެވެ. ބައްދަލަވުމުގެ އޮބްޒާވަރެއްގެ ގޮތުން މޮޅަދޫ ކައުންސިލްގެ ރައީސް ވެސް ވަނީ ބައިވެރިވެ ވަޑައިގެންނެވި އެވެ. ކުރިން ހޯރަފުށީ ބާއްވަން ނިންމުމަށް ފަހު އެރަށުގައި ޖަލްސާ ނުބޭއްވި ސަބަބެއް ރަޝީދު ވިދާޅެއް ނުވެއެވެ.

"ކުރިން ކައުންސިލުން އޮންނާނެ ގަވައިދެއް ފާސްކޮށްފައި ހަފުތާގެ އަންގާރަ ދުވަހު ބައްދަލުވުން ބާއްވަން ނަމަވެސް މޮޅަދޫގައި ބޭއްވި ބައްދަލުވުމުގައިވަނީ އެ އުސޫލަށް ބަދަލު ގެނެސްފައި،" ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން މޮޅަދޫ ބައްދަލުވުމުގައި އަތޮޅު ކައުންސިލުގައި ހިމެނި ވަޑައިގަންނަވާ ދާއިރާތަކުގެ ކައުންސިލަރުން ދެން މަސައްކަތް ކުރައްވާނީ އެބޭފުޅަކު ނިސްބަތްވާ ރަށެއްގެ ކައުންސިލުގެ އިދާރާގައި ކަމަށް ވެސް ވަނީ ނިންމާފަ އެވެ.

"މުހިންމު ބައްދަލުވުމެއް ބާއްވަން ޖެހިއްޖެނަމަ ބައްދަލުވުން ބާއްވާ ރަށެށް ކަނޑައަޅައި އެ ބައްދަލުވުމެއް [ވަކި ރަށެއްގައި] ބާއްވާގޮތަށް ވާނީ ނިންމާފައި، އެފަދަ ހާލަތެއްގައި އެރަށަކަށް ކައުންސިލަރުން ދަތުރު ކުރައްވާނީ ފެރީގައި، މިފަހަރު ބޭއްވީ އަތޮޅު ކައުންސިލުގެ ބަޖެޓުން 12000 ރުފިޔާ ހަރަދުކޮށްގެން،"ރަޝީދު ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ދިއްދޫގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ކައުންސިލުގެ ރައީސް މަގާމުން ދުރުކުރުމުން މިވަގުތު ކައުންސިލުގެ ރައީސަކު ނެތް ނަމަވެސް ރައީސަކަށް ބޭފުޅަކު އިންތިހާބު ކުރަން އެޖެންޑާ ކުރައްވާނީ ކައުންސިލުގެ ހުރިހާ މެންބަރުން ހަމަވުމުން ކަމަށެވެ. ބައެއް ކައުންސިލަރުން މިވަގުތު ތިއްބެވީ ޗުއްޓީގަ އެވެ.

ހއ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ ދެ މެމްބަރުންނާއި އިހަވަންދޫ ދާއިރާގެ ދެ މެންބަރުންނާއި އަދި ހޯރަފުށީދާއިރާގެ ދެ މެންބަރުންގެ އިތުރަށް ޑީއާރްޕީއަށް ނިސްބަތްވާ ބާރަށު ދައިރާގެ ދެ މެންބަރުންނާއި ކެލާދާއިރާގެ ދެ މެންބަރުންނެވެ. ދިއްދޫއަށް ނިސްބަތް ނުވާ އަނެއް އަށް މެންބަރުން މިވަގުތު ތިއްބެވީ އެ މެންބަރުންނަށް ނިސްބަތްވާ ރަށްރަށުގަ އެވެ.