30 Nov 2011, 11:05
އަލުން އެކުލަވައިލި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއަށް މެންބަރުން ހަމަޖައްސާފައިވާގޮތް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްލާން ކުރައްވައިފި އެވެ.
ފަހަކަށް އައިސް މަޖިލިސް މެންބަރުން ޕާޓީތަކުގައި ތަމްސީލްކުރަމުންއައި ގޮތަށް ގެނެވުނު ބަދަލާ ގުޅިގެން، ސަރުކާރާއި އެމްޑީޕީން މެޖޯރިޓީ ކޮންޓްރޯލް ކުރަންބޭނުންވާ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެ ގޮނޑިތައް އަލަށް އެކުލަވާލާފައިވަނީ މިނިވަން މެންބަރުން ބުރަވާ ކޮޅަކަށް މެޖޯރިޓީ ލިބޭފަދަ ގޮތަކަށެވެ.
ތޭރަ މެންބަރުން ހިމެނޭ އެ ކޮމިޓީން އެމްޑީޕީއަށް ފަސްގޮނޑި ލިބިފައިވާއިރު، އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ކޮމިޓީގައި ހިމެނުމަށް ހަމަޖައްސާފައިވަނީ، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުﷲ އާއި ދިއްދޫ ދާއިރާގެ މެންބަރު އަހްމަދު ސަމީރުގެ އިތުރުން ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ޑީއާރްޕީއަށް ލިބިފައިވާ ދެގޮނޑިއަށް ހަމަޖައްސާފައިވަނީ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމާއި ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމެވެ. ޕީއޭ އަށް ލިބިފައިވާ ހަމައެކަނި ގޮނޑިއަށް ހަމަޖައްސާފައިވަނީ ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީގެ މެންބަރުގެ ގޮތުގައި ޕަޓީގައި ހިމަނާފައިވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އެވެ. ގައުމީ ޕާޓީން ހިމަނާފައިވަނީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. ވަކި ޕާޓީއަކަށް ނިސްބަތްނުވާ، މެންބަރުގެ ގޮތުގައި އެ ކޮމިޓީގައި ހިމަނާފައިވަނީ ޕީޕީއެމަށް ނިސްބަތްވެ ވަޑައިގަންނަވާ މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީނާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ އާއި ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދެވެ. މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޕާޓީގެ ނަމުގައި އިންތިހާބު ކުރާ މެންބަރުން ނޫން ގޮތަކަށް އެ ޕާޓީއެއް މަޖިލީހުގައި ތަމްސީލް ކުރުމުގެ ފުރުސަތު ނޯނާތީ ޕީޕީއެމްގެ މަޖިލިސް މެންބަރުން ބަލަނީ މިނިވަން މެންބަރުންގެ ގޮތުގަ އެވެ.
މިހާރު ކޮމިޓީ އެކުލެވިފައިވާގޮތަށް ބަލާއިރު، ޕީޕީއެމްގެ ގޮނޑިއާއެކު އިދިކޮޅު ފަރާތްތަކަށް ހަ ގޮނޑި ލިބިފައިވީނަމަވެސް އަމިއްލަ ދެ މެންބަރުން އެމްޑީޕީކޮޅަށް ބުރަވެއްޖެނަމަ ކޮމިޓީގެ މެޖޯރިޓީ ލިބޭނީ އެމްޑީޕީއަށެވެ.
މި ކޮމިޓީ ފާސްކުރަންޖެހޭނީ މަޖިލީހުގައި ވޯޓަށް އަހައިގެން ކަމަށްވިޔަސް ކޯރަމް ގެއްލިގެން މިއަދުގެ ޖަލްސާ ނިންމާލާފައިވާތީ މިއަދުގެ ޖަލްސާގައި މި ކޮމިޓީއަށް ވޯޓަށް އެހޭގޮތެއް ނުވި އެވެ.