ނޭޝަނަލް އެކްރެޑިޓް ބޯޑް ފޯ ހޮސްޕިޓަލްސް އެންޑް ހެލްތް ކެއާ ޕްރޮވައިޑާސް (އެންއޭބީއެޗް) އަދި ނޭޝަނަލް އެކްރެޑިޓޭޝަން ބޯޑް ފޯ ޓެސްޓިން އެންޑް ކެލިބަރޭޝަން ލެބޯޓްރީސް (އެންއޭބީއެލް) ގެ ގައިޑްލައިންތަކާ އެއްގޮތަށް ފެންވަރު ރަނގަޅު ހޮސްޕިޓަލަކަށް އައިޖީއެމްއެޗް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އެކްރެޑިޓު ކުރުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ "އެކްމޭ" ގެ ކޮންސަލްޓޭޝަންގެ ދަށުން ކަމަށެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލް ގެ މިންގަނޑު ތަކަަކީ އިންޓަނޭޝަނަލް ސޮސައިޓީ ފޯ ކޮލެޓީ އިން ހެލްތް ކެއާ އިން އެކްރެޑިޓްކޮށްފައިވާ މިންގަނޑުތަކެއް ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. އެންއޭބީއެޗް އަކީ އޭޝިއަން ސޮސައިޓީ ފޯ ކޮލެޓީ އިން ހެލްތް ކެއާގެ ފައުންޑިން މެންބަރެއް ކަމަށްވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

އެންއޭބީއެޗް އަދި އެންއޭބީއެލް ގެ ބެންޗްމާކުތަކަކީ އިންޑިއާގެ ކޮލިޓީ ކައުންސިލުންނިންމާ (ޖޮއިންޓް ކޮމިޝަން އިންޓަނޭޝަނަލް) ޖޭސީއައި (އޮސްޓްރޭލިއަން ކައުންސިލް އޮން ހެލްތްކެއް ސްޓޭންޑާޑްސް) އޭސީއެޗްއެސް އަދި ކެނޭޑިއަން ހޮސްޕިޓަލް ފަދަ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްފެންވަރުގެ މިންގަނޑުތަކެއް ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެކްރިޑެޓް ކުރުމަކީ ހޮސްޕިޓަލްތަކުގައި ކުރާ މަސައްކަތްތަކާއި، ހިދުމަތްތައް ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްހަމައެއްގައި ބެހެއްޓުމަށް ސްޓްރީމްލައިން ކޮށް، ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ރައްޔިތުންނަށް ދެނެގަނެވޭނެ ގޮތްތަކާއި، ބައިނަލްއަގްވާމީ މިންގަނޑުތަކާއި އެއްގޮތައް ހިދުމަތްތަކަށް ބަދަލު ގެނެސް، އެ މިންގަނޑުގައި ދެމެހެއްޓުމަށް މަސައްކަތް ކުރުން ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

އެގޮތުން ހޮސްޕިޓަލުގައި ބޭނުން ކުރާ އާލާތްތައް ކަނޑައެޅޭ މިންގަނޑު ތަކަކަށް ބަހައްޓައި ގަވައިދުން ހޮސްޕިޓަލުގެ ހިދުމަތްތަކާއި މަސައްކަތްތައް އޮޑިޓު ކުރުންވެސް މީގެ ތެރޭ ހިމެނޭ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.

އައިޖީއެމްއެޗުން ބުނީ އެހޮސްޕިޓަލުގައި އެފަދަ ސްޓޭންޑާޑެއް ގާއިމް ކުރެވުމަކީ ބަލި މީހުންގެ ރައްކާތެރިކަމާއި ދެވޭ ހިދުމަތާއި މެދު އިތުބާރު ބޮޑުވެގެންދާނެ ކަމެއްކަމަށެވެ.