ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީ އިން ބުނީ މިމަހުގެ 31 ވަނަ ދުވަހު ބާއްވާ ޕްރައިމަރީގައި ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށެވެ.

އެ ޕާޓީ އިން ބުނީ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅާ ފޯމު[email protected]އަށް އީމެއިލް ކުރުމުން ފޯމް ބަލައިގަންނާނެ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ރަށު ކައުންސިލާއި އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިހާބުގައި ޕާޓީ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުމަށް ބާއްވާ ޕްރައިމަރީ ގައި ވާދަކުރުމުގެ ފުރުސަތުވެސް މިމަހުގެ 10 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެވޭނީ މިދިޔަ އަހަރުގެ ނިޔަލަށް ޕާޓީގެ މެންބަރުންގެ ގޮތުގައި ތިބި ފަރާތްތަކަށެވެ. އަދި އިންތިހާބުގައި ވޯޓު ލެވޭނީވެސް މިދިޔަ އަހަރުގެ ނިޔަލަށް އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ރެޖިސްޓްރީވެފައިވާ މީހުންނަށް ކަމަށް އެމްޑީޕީ އިން ބުންޏެވެ.

ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން އެމްޑީޕީއިން ދެނީ ތިން ދުވަހުގެ މުއްދަތެކެވެ. އެއީ މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ. ޝަކުވާތަކަށް ބެލުމަށް ފަހު މިމަހުގެ 15 ވަނަ ދުވަހު ފައިނަލް ވޯޓާސް ލިސްޓު އާންމު ކުރާނެ ކަމަށް އެމްޑީޕީއިން ބުންޏެވެ.

ޕްރައިމަރީގައި ވާދަ ކުރާ ކެންޑިޑޭޓުންގެ ލިސްޓު އާންމު ކުރާނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އޭޕްރީލް ހަތަރުވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިހާބުގައި ކައުންސިލުތަކުގެ 33 ޕަސެންޓު އަންހެން މެމްބަރުންނަށް ހާއްސަ ކުރެވިފައިވެއެެވެ.