ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި އަލްފާ އެމްވީކޭބީ މޯލްޑިވްސް އިން ހިންގަމުން އައި ޑިއުޓީ ފްރީ ފިހާރަ (ޑީއެފް ހަތެއް) ޑިސެމްބަރުގެ ނިޔަލަށް ބޭނުން ކުރުމުގެ ހައްގު އަލްފާ އެމްވީކޭބީ އަށް ލިބިގެން ނުވާކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ ޑިސެމްބަރު 31 ،2001އިން ފެށިގެން ޑިސެމްބަރު 2011،31 ގެ ނިޔަލަށް ފިހާރައެއް ހިންގުމަށް އަލްފާ އެމްވީކޭބީ އާއި އެއާޕޯޓާއި ދެމެދު އެއްބަސްވެފައިވާއިރު ކުށްޔަށް ހިފާފައިވާ މުއްދަތު ހަމަވުމުގެ ކުރިން ކުށްޔަށް ދޫކޮށްފައިވާ ޖާގަ ހުސްކުރުމަށް އަންގައި އެތަނުން ކަރަންޓް ކަނޑާލާފައިވާތީ އެގްރީމެންޓްގެ މުއްދަތު ހަމަވާ ތާރީޚް ކަމަށްވާ މިއަހަރުގެ ޑިސެމްބަރު 31 އާއި ހަމަޔަށް އެތަން ބޭނުންކުރުމުގެ ހައްގު ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށް އަލްފާ އެމްވީކޭބީއިން ކުރި ދައުވާގެ ޝަރީއަތް ހިންގުމަށްފަހު އިއްޔެ އެވެ.

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ކުރެއްވެވި ހުކުމްގައި ބުނަނީ އެ އެގްރީމެންޓްގެ މުއްދަތު ހަމަވުމުގެ ކުރިން އެގްރީމެންޓްގެ ދެ ބައިވެރިންކުރެ ކޮންމެ ބައިވެރިޔަކަށް ވެސް އެގްރީމެންޓް ބާތިލް ކުރުމުގެ އިޚްތިޔާރު އެގްރީމެންޓުން ލިބިދީފައިވާ ކަމަށެވެ.

މާޗް 2011،1 ގައި އެތަން ހަތް ދުވަހުގެ ތެރޭގައި ހަވާލުކުރުމަށް ޖީއެމްއާރުން މާލޭ އިންޓަނޭޝަލް އެއާޕޯޓުން އެންގި އެންގުމަކީ އެއާޕޯޓަށް ލިބިގެންވާ ބާރެއް ނޫންކަމަށް ވެސް ޝަރީއަތުގައި އަލްފާ އެމްވީކޭބީން ވަނީ ބުނެފައެވެ.

ނަމަވެސް ގާޒީ ނިހާޔަތު ކުރެއްވެވި ހުކުމްގައި ވަނީ މާޗް 1 ،2011 ގައި ހަތްދުވަހުގެ ތެރޭގައި ތަން ހަވާލުކުރުމަށް އެއާޕޯޓުން އަލްފާ އެމްވީކޭބީ އަށް ނޯޓިސްދީފައިވަނީ އެގްރީމެންޓްގައިވާ މާއްދާއެއްގެ ދަށުން ކަމަށްވާތީ މާރޗް 2011 ،31 ގައި އެތަން ޖީއެމްއާރް މާލޭ އިންޓަނޭޝަނަލް އެއާޕޯޓާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.