ކިއެވް (ޖެނުއަރީ 8): އީރާނުގެ ވެރިރަށް ތެހެރާންއިން ނައްޓާލި ޔޫކްރެއިން އިންޓަނޭޝަނަލް އެއާލައިންގެ މަތިންދާބޯޓެއް މިއަދު ވެއްޓިއްޖެ އެވެ.

އީރާނުގެ ގަނޑިން ހެނދުނު 6:12އިގައި އިމާމް ޚާމަނާއީ އެއާޕޯޓުން ނައްޓާލި އެ ބޯޓުގައި ތިބީ 180 މީހުން ކަމަށް ބައެއް މީޑިއާތަކުން ފުރަތަމަ ރިޕޯޓު ކުރި އެވެ. ނަމަވެސް ފަހުން އީރާނުގެ ނޫހަކުން ވަނީ ބޯޓުގައި ތިބީ 170 މީހުން ކަމަށް ބުނެފަ އެވެ.

އީރާނުގެ އައިއެސްއެންއޭ ނޫހުން ބުނި ގޮތުގައި ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލަތަކެއް ޖެހިގެންނެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުގައި ރޯވެފައިވާ ކަމަށާއި، ބޯޓުގައި އިން އެއްވެސް މީހަކު ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް އީރާނުގެ ރެޑް ކްރެސެންޓުން ބުންޏެވެ.

އެ ބޯޓު ވެއްޓުނު ސަރަހައްދުގައި ރެސްކިއު ޓީމުތަކާއި ނޭޝަނަލް އޭވިއޭޝަން ޑިޕާޓްމެންޓުގެ ތަހުގީގީ ޓީމެއް މިހާރު ހަރަކާތްތެރިވަމުން ދާ ކަމަށް އީރާނުގެ އޭވިއޭޝަން އޯގަނައިޒޭޝަނުން ބުންޏެވެ.

އެ ހާދިސާ ހިނގާފައި ވަނީ އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ ދެ އަސްކަރީ މަރުކަޒަކަށް ހަމަލާ ދިން ފަހުންނެވެ. އެއީ އެމެރިކާއިން އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން ދިން ހަމަލާތަކެކެވެ.

އެ ހަމަލާތަކާ ޔޫކްރެއިންގެ ބޯޓު ވެއްޓުމާ ގުޅުމެއްވާ ކަމަށް އަދި ރިޕޯޓުކޮށްފައި ނުވެ އެވެ.