08 Jan 2020, 08:59
މެންޗެސްޓާ، އިނިގިރޭސިވިލާތް: އިނގިރޭސި ލީގު ކަޕު (އީއެފްއެލް) ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ވިދި ވިދިގެން ތިންވަނަ ފަހަރަކު އެ މުބާރާތުގެ ފައިނަލަށް ދަތުރު ކުރުމަށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެއްފައި ކުރިއަށް އަޅައިފި އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ސިޓީ ކުރި ހޯދީ 1-3ގެ ނަތީޖާއަކުންނެވެ. އެންމެ ފަހުން ދެ ސީޒަނުގައި ވެސް އިނގިރޭސި ލީގާއި ލީގު ކަޕު ކާމިޔާބު ކުރި ސިޓީއަށް މިފަހަރުގެ ލީގު ގެއްލުމާ ގާތްވެފައި އޮތް ނަމަވެސް ބާކީ ހުރި މުބާރާތްތައް ކާމިޔާބު ކުރުމަކީ އެ ޓީމުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަން ކަމަށް ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ މީގެ ކުރިން ނުސީދާކޮށް ވަނީ ބުނެފަ އެވެ.
ލީގުގައި މިދިޔަ މަހު ޔުނައިޓެޑް އަތުން 1-2ގެ ނަތީޖާއަކުން ސިޓީ ބަލިވި އިރު ރޭގެ މެޗަށް އެ ޓީމުން ނުކުތީ ބަދަލު ހިފުމުގެ ރޫހެއްގަ އެވެ. އެގޮތުން އެ ޓީމުން ވަނީ މެޗުގެ ކުރީކޮޅު ތިން ގޯލު ޖަހައި މެޗު ޔަގީންކޮށްފަ އެވެ.
މެޗުގައި ސިޓީއިން ޖެހި ފުރަތަމަ ގޯލު 17 ވަނަ މިނަޓުގައި ޖަހައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ބާނޭޑޯ ސިލްވާ އެވެ. އަދި އެއަށް ފަހު 33 ވަނަ މިނަޓުގައި އެ ޓީމަށް ލީޑު ފުޅާކޮށްދިނީ ރިޔާދު މަހްރޭޒް އެވެ. ތިން ވަނަ ގޯލަކީ ޔުނައިޓެޑްގެ ޑިފެންޑަރު އަންޑްރެސް ޕެރޭރާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ފުރަތަމަ ހާފުގައި ހީނުކޮށް ތިއްބާ ސިޓީން މަތިމައްޗަށް ޖެހި ގޯލުތަކުން އިބުރަތް ހާސިލްކޮށް ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ކުޅުން ރަނގަޅުކޮށްފަ އެވެ. އެ ހާފުގައި އެ ޓީމުން ހަމަލާތައް އިތުރު ކުރި އިރު ގޯލެއް ޖަހައި ފަރަގު ކުޑަކޮށްދިނީ މާކަސް ރަޝްފޯޑް އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޮލްޝަޔާ ބުނީ މެޗުގެ ފުރަތަމަ ހާފަކީ ޔުނައިޓެޑް މި ސީޒަނުގައި ވެސް މިހާތަނަށް ކުޅުނު އެންމެ ދަށް ހާފު ކަމަށެވެ. އެކަމަކު ދެވަނަ ހާފުގައި ކުޅުން ރަނގަޅު ކަމަށާއި ނަތީޖާ އަދި ބަދަލުވެދާނެ ކަމަށް އޭނާ ބުންޏެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.