14:30


ފްރާންސް ޓީމުގެ ފަރިތަކުރުންތަކުން ކުޅުންތެރިން ބޮއިކޮޓްކޮށް ޓީމުގެ ޑިރެކްޓަރ އިސްތިއުފާ ދީފި އެވެ.


ޗެލްސީއަށް ކުޅެމުން އަންނަ އަނެލްކާ ޤަވްމަށް ފޮނުވާލީ މައްސަލައިގައި ކުޅުންތެރިންގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ މިކަމާ ގުޅިގެން ކުޅުންތެރިން ފަރާތުން ހުށަހެޅި ބަޔާން، ކޯޗް ރޯމަން ޑޮމިނިޗް ނޫސްވެރިންނަށް ހާމަކުރުމުންނެވެ. ހަމަ އެ ވަގުތު ކުޅުންތެރިން ވަނީ ޕެރެކްޓިސް ދޫކޮށް އެބުރި ހޮޓަލަށް ގޮސްފަ އެވެ. މި މައްސަލައާ ގުޅިގެން ވޯޅްޑްކަޕްގައި ފްރާންސް ޓީމާ ހަވާލުވެ ހުރި ޑިރެކްޓަރ އިސްތިއުފާ ދިނުމަށްފަހު އޭނާ ބުނެފައި ވަނީ ފްރާންސް ޓީމާ ކުރިމަތިވި މިކަމަކީ ލަދުވެތި ވާންޖެހޭވަރުގެ ކަމެއް ކަމަށެވެ.


މިކަމާ ގުޅިގެން ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ވަނީ އަނެލްކާ އަކީ ފްރާންސް ޓީމުގެ ކުޅުންތެރިއެއް ނޫން ކަމަށެވެ. މިހާރު އަނެލްކާ ވަނީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާކޮށްފައިވާކަން އިޢްލާން ވެސް ކޮށްފަ އެވެ.


ތާރީޚީ މެޗެއްގެ ހަނދާންތައް އާކުރަމުން އުތުރު ކޮރެޔާ އާއި ޕޯޗުގަލް މިއަދު ހަވީރު ނިކުންނައިރު ސްޕެއިން އާއި ހޮންޑިއުރާސް އަދި ޗިލީ އާއި ސްވިޒަލެންޑް ވެސް މުހިއްމު މެޗަކަށް މިރޭ ނިކުންނާނެ އެވެ.


1966 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގައި ގުޑްސެން ޕާރކް ސްޓޭޑިއަމް ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗްގައި އުތުރު ކޮރެޔާ ފުރަތަމަ ތިން ގޯލް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ފަސް ގޯލް ޖަހައިގެން ޕޯޗުގަލް ކާމިޔާބު ކުރި މެޗަކީ އެތައް ބައެއްގެ ހަނދާންތަކާ ގުޅިފައިވާ މެޗެކެވެ.


ޕޯޗުގަލް އާއި އައިވަރީ ކޯސްޓް ކުޅުނު މެޗުގައި ޕޯޗުގަލްގެ މެދުތެރެއަށް ކުޅޭ ޑިކޯ އާއި ޓީމުގެ ކޯޗް ކްއެރޯސް އާ ޖެހުނު މައްސަލަ މިހާރު ހައްލުކުރެވިފައި ވީނަމަވެސް މިއަދުގެ މެޗުން ޑެކޯ ނުފެންނާނެކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި ޑެކޯގެ މައިބަދައަށް ލިބުނު ގެއްލުމަކާ ގުޅިގެންނެވެ. އޭނާގެ ބަދަލުގައި މިއަދު ފެނިގެން ދާނީ ޓިއާގޯ އެވެ.


މިރޭގެ މެޗަށް އަނެއްކާ ވެސް މި ދެޓީމް ނިކުންނައިރު ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައި ވަނީ އެއީ ތާރީޚް ކަމަށާއި މިރޭ ނިކުންނާނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދަން ނޫން ކަމަށެވެ. އަދި މިރޭގެ މެޗަކީ ފަސޭހަ މެޗެއް ނޫން ކަމަށާއި ބްރެޒިލްއާ ދެކޮޅަށް އުތުރު ކޮރެޔާ ދައްކާފައިވާ ކުޅުމުގެ ސަބަބުން މަޑުން ނުތިބެވޭނެ ކަމަށް ޓީމުގެ ކޯޗް ކާލޯސް ކްއެރޯޒް ވަނީ ބުނެފަ އެވެ.


މިރޭ ސްޕެއިން އާއި ހޮންޑިއުރާސް ނިކުންނައިރު ދެޓީމު ވެސް ވަނީ ޕޮއިންޓްގެ ގޮތުން ހަމަހަމަވެފަ އެވެ. އެހެންކަމުން މިރޭ މެޗަކީ ދެޓީމަށް ވެސް މުހިއްމު މެޗެކެވެ. މި ގްރޫޕްގައި މިރޭ ސްޕެއިން އަށް މޮޅުވާން މަޖްބޫރުވެފައިވާއިރު ހޮންޑިއުރާސް ބަލިވެއްޖެ ނަމަ މުބާރާތާ އަލްވަދާއުކިޔާ ދެވަނަ ޓީމު ކަމުގައި ހޮންޑިއުރާސް ވާނެ އެވެ.


ޗިލީ އާއި ސްވިޒަލެންޑް މިރޭގެ ފަހު މެޗަށް ނިކުންނައިރު ގަދަ ފަދަ ސްޕެއިން ސިއްސުވާލި ފަދަ ކުޅުމެއް ސްވިޒަލެންޑުން ދައްކާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. އާޖެންޓީނާގެ ބިއެސްލީގެ އިރުޝާދުގެ ދަށުން ނުކުންނަ ޗިލީ ކުޅޭ ހަލުވިކުޅުން ވެގެންދާނީ ސްވިޒަލެންޑުން އެންމެ ބޮޑަށް ވިސްނާނެ އަދި ސަމާލުވާނެ އެއް ކަމަކަށެވެ.


މި މެޗަށް ފަހު މާދަމާ ކުޅެވޭނީ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗްތަކެވެ. މާދަމާ ރެއިން ފެށިގެން ގްރޫޕް ސްޓޭޖްގެ މެޗްތައް ނިމެންދެން ކުޅެވޭނީ އެއްގަޑިއެއްގައި ދެ މެޗެވެ.