30 Nov 2011, 10:01
ހުޅުލެ އިން ސ. ގަމަށް ދިއުމަށް މިއަދު ހެނދުނު ފުރި މޯލްޑިވިއަންގެ ބޯޓަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެ، ބޯޓް އަނބުރާ ހުޅުލެއަށް ޖައްސައިފި އެވެ.
މޯލްޑިވިއަންގެ ހިދުމަތް ދެމުން އަންނަ އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އަށް އެކަން ކަށަވަރުކޮށްދެއްވި ނަމަވެސް ދިމާވީ ކޮން ޓެކްނިކަލް މައްސަލައެއް ކަމެއް ވިދާޅެއް ނުވި އެވެ.
ނަޝާތު މިއަދު ވިދާޅުވީ ހެނދުނު ހަތެއް ޖަހާ އެހާކަންހާއިރު ގަމަށް ފުރި މޯލްޑިވިއަންގެ ޑޯނިއާ 228 މަރުކާގެ ބޯޓް ފުރިތާ ގާތްގަނޑަކަށް ބައިގަޑިއިރެއްހާ އިރު ފަހުން ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ބޯޓް އެނބުރި ހުޅުލެ އަށް އައިސްފައިވާ ކަމަށެވެ.
ނަޝާތު ވިދާޅުވީ ބޯޓަށް ދިމާވި މައްސަލަ ސީރިއަސް ނޫން ކަމަށާއި އެ ބޯޓުން ދަތުރުކުރި ޕަސިންޖަރުން އެހެން ބޯޓެއްގައި އައްޑު އަށް ފުރުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"ބޯޓަށް ދިމާވި މައްސަލަ އެހާ ބޮޑެއް ނޫން. ވަރަށް ކުޑަކުޑަ މައްސަލައެއް. ނަމަވެސް އަޅުގަނޑުމެންގެ ސޭފްޓީ ޕޮލިސީ އޮންނަ ގޮތުން ޕަސިންޖަރުންގެ ސަލާމަތަށް ޓަކައި ކުޑަކުޑަ ކަމެއް ދިމާވިޔަސް ދަތުރު ކުރިއަށް ނުގެންދެވޭނެ." ނަޝާތު ވިދާޅުވި އެވެ.