ރާއްޖޭގައި މަސައްކަތްތެރިންނަށް ދެވޭނެ މިނިމަމް ވޭޖް ކަނޑައެޅުމަށްޓަކައި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުން ތައްޔާރު ކުރި ރިޕޯޓު ލިބިވަޑައިގެންފި ކަމަށާއި އެ ރިޕޯޓު އަންނަ ހަފްތާގައި ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިމަމްވޭޖް ނުވަތަ އެންމެކުޑަ އެންމެ ކުޑައުޖޫރަ ކަނޑައެޅުމަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެއްވެސް މެއެވެ.

ވަޒީފާއާ ބެހޭ ގާނޫނާ އެއްގޮތަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށްޓަކައި އެކަނޮމިކް މިނިސްޓަރަށް ލަފާދިނުމަށް "މިނިމަމް ވޭޖް ބޯޑު" ރައީސް ސޯލިހް އެކުލަވާލެއްވީ މިދިޔަ މޭމަހުއެވެ. އެ ބޯޑުގައި ފަސް މެމްބަރުން ހިމެނޭއިރު މަސައްކަތްކުރާ މުވައްޒަފުންނަށް އެންމެ ކުޑަކޮށްދެވޭ އުޖޫރަ ކަނޑައެޅުމަށް މަދު ވެގެން ދެ އަހަރުން އެއްފަހަރު ބޯޑުން އެކަން މުރާޖައާ ކުރަންވާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

ރާއްޖޭގައި މިނިމަމް ވޭޖް ކަނޑައެޅުމުގައި އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯއިން) އިން ކުރި ދިރާސާތަކާއި މިނިމަމްވޭޖް ބޯޑުގެ ނިންމުންތައް މިދިޔަ މަހު އިކޮނޮމިކް މިނިސްޓްރީއާ މިދިޔަ ޑިސެމްބަރުމަހު ވަނީ ހިއްސާކޮށްފައެވެ.

މިނިމަމް ވޭޖާ ބެހޭގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދާދި ފަހުން ވިދާޅުވީ މިނިމަމްވޭޖުން ރާއްޖޭގެ އިގްތިސާދަށް ލޮޅުން އަރާނެކަމަށާއި އެހެން ނަމަވެސް އެއީ ރައްޔިތުން ބޭނުންވާގޮތްކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ މިނިމަމް ވޭޖުން އަޅުގަނޑުމެންގެ މުޅި އިގްތިސާދަށާއި އަދި އިޖުތިމާއީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށާއި އެހެންކަމުން ރަައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ބަހެއް ހިމަނާފަ މެނުވީ އެއަށް ނިންމުމެއް ނުނިންމަން ނިންމާފައިވާ ކަމަށެވެ. އަދި އުއްމީދަކީ އަންނަ މަޖިލީހުގެ ފުރަތަމަ ސެޝަންގައި މިނިމަމްވޭޖް ކަނޑައެޅިގެންދިޔުންކަމަށް އޭނާ ވިދާޅުވިއެވެ.

މިނިމަމް ވޭޖު ކަނޑައެޅުމަށް ބޭނުންވާ ގާނޫނު އެކުލަވާލުމަށް ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ވަނީ ފަށައިފައެވެ.