30 Nov 2011, 09:57
މިސީޒަންގެ ދެވަނަ ފަހަރު ލިވަޕޫލް އަތުން ޗެލްސީ ބަލިވެއްޖެ އެވެ. ކާލިންގް ކަޕް ގެ ކުއާޓާ ފައިނަލް ގައި ރޭ ކުޅުނު މެޗުން ޗެލްސީ މައްޗަށް ކުރި ހޯދައި ލިވަޕޫލް އިން ސެމީ ފައިނަލަށް ދަތުރު ކުރި އިރު، މެންސިޓީ އިން ވަނީ އާސެނަލް ގެ މައްޗަށް ހޯދި ހަނި ކާމިޔާބީ އާއި އެކު ސެމީ އަށް ދަތުރު ކޮށްފަ އެވެ. އަދި ބެލްކްބާން ރޯވާސް އަތުން މޮޅުވުމަށްފަހު ކާޑިފް ވެސް ވަނީ ސެމީގެ ޖާގައެއް ހޯދާފަ އެވެ.
ޗެލްސީ އާއި ލިވަޕޫލް ބައްދަލު ކުރި މެޗުގައި ދެޓީމުގެ ފުރަތަމަ އެގާރައިން ވެސް ފެނިގެންދިޔައީ ޒުވާން ކުޅުންތެރިންތަކެކެވެ. މެޗުގެ 22 ވަނަ މިނެޓުގައި ޗެލްސީގެ ބްރެޒިލް ޑިފެންޑަރު އެލެކްސް ބޯޅާގައި އަތްލުމުން ލިވަޕޫލް އަށް ޕެނަލްޓީ އެއް ލިބިގެންދިޔަ އެވެ. ނަމަވެސް އަންޑްރޫ ކެރޯލް ޖެހި މިޕެނަލްޓީ ވަނީ ނާކާމިޔާބު ވެފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި ލިވަޕޫލް އަށް ޗެލްސީގެ ގޯލު ހުޅުވައިދީ ލީޑު ނަގައިދިނީ އެޓީމުގެ އާޖެންޓީނާ މިޑްފީލްޑަރު މެކްސީ ރޮޑްރިގޭޒް އެވެ. އޭގެ ފަސް މިނެޓް ފަހުން ލިވަޕޫލް ފޯވާޑް ކްރެއިގް ބެލަމީ ނަގައިދިން ހުރަހަކުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ޑިފެންޑަރު މާޓިން ކެލީ އެވެ. 2-0 ލަނޑުން ލިވަޕޫލް ކުރީގައި އޮވެ މެޗު ނިމުމުން އެޓީމަށް ސެމީ ގެ ޖާގަ އެއް ކަށަވަރުވި އެވެ.
ކާލިންގް ކަޕްގެ ކުއާޓާ ފައިނަލްގައި ދެން ކުޅެވުނު ފޯރިގަދަ މެޗަކީ އާސެނަލް އާއި މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗެވެ. ދެޓީމު ގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އާސެނަލް ގެ ފަރާތުން ބޮޑު ނުރައްކާތެރިކަމެއް ފެނިގެން ދިޔައެވެ. އެގޮތުން މެންސިޓީގެ ގޯލަށް އާސެނަލް އިން އުފެއްދި ދިހަ ހަމަލާގެ ތެރެއިން ހަތް ހަމަލާ ގޯލާއި އަމާޒު ވެފައި ވެއެވެ. މިމެޗުގައި ޖެހި ހަމައެކަނި ލަނޑު 83 ވަނަ މިނެޓުގައި މެންސިޓީ އަށް ކާމިޔާބު ކޮށްދިނީ ސާޖިއޯ އަގުއެރޯ އެވެ. މެޗު ނިމިގެންދިޔައީ 1-0 ލަނޑުން މެންސިޓީ ކުރީގައި އޮވެގެންނެވެ.
ބްލެކްބާން ގެ މައްޗަށް މޮޅު ކުޅުމެއް ދެއްކުމަށް ފަހު ކާޑިފް ސިޓީ އިން ވަނީ ކުއާޓާ ގެ މެޗު ކާމިޔާބު ކޮށް، ސެމީ އަށް ދަތުރުކޮށްފަ އެވެ. މެޗުގެ ނަވާރަ މިނެޓުގައި ކާޑީފް އަށް ލީޑު ނަގައިދިނީ ކެނީ މިލާ އެވެ. ކާޑިފް އިން ޖެހި ދެވަނަ ލަނޑު މެޗުގެ ފަންސާސް ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޑިފެންޑަރު އެންތަނީ ޖެރާޑް އެވެ. މިމެޗު ނިމިގެންދިޔައީ 2-0 ލަނޑުން ކާޑިފް ކުރީގައި އޮވެގެންނެވެ.
ކުއާޓާ ފައިނަލް ގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެ އެވެ. މެންޗެސްޓާ ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށް ނުކުންނަ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 12:45 ގައެވެ.