ތެހެރާން (ޖެނުއަރީ 7): އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީގެ ޖަނާޒާގައި 35 މީހަކު ފިތިގެން މަރުވެއްޖެ އެވެ.

ސުލައިމާނީގެ އުފަން ރަށް ކިރްމަންގައި މިއަދު ބޭއްވި ޖަނާޒާގައި ބައިވެރިވުމަށް އެތައް ހާސް މީހުން ވަނީ އެ ސިޓީއަށް އެއްވެފަ އެވެ. އަދި އެ އެއްވުމުގައި ބަޔަކު ފިތިގެން މަރުވެ، 48 މީހަކަށް އަނިޔާވެފައިވާ ކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ބުންޏެވެ.

އެގައުމުގެ އޮފިޝަލުން ބުނި ގޮތުގައި ސުލައިމާނީ ފަސްދާނުލާން ހަމަޖެހިފައި އޮތީ މިއަދު ހެނދުނެވެ. ނަމަވެސް ޖަނާޒާގައި ބަޔަކު މަރުވުމާ ގުޅިގެން މިހާރު ފަސްދާނުލުން ވަނީ ފަސްކޮށްފަ އެވެ. އަދި އެކަމާ ބެހޭ އިތުރު މައުލޫމާތު ފަހުން ހާމަ ކުރާނެ އެވެ.

އީރާނުގެ ރިވޮލިއުޝަނަރީ ގާޑުސްގެ ހަނގުރާމަ އާއި ޖާސޫސީ އޮޕަރޭޝަންތަކާ ގުޅުން ހުރި ޔުނިޓު ނުވަތަ ގުދުސް ފޯސްގެ ވެރިޔާ ކަމަށްވާ ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާއިން މިދިޔަ ހުކުރު ދުވަހު އިރާގުގެ ބަޣުދާދުގައި ދިން ހަމަލާއެއްގަ އެވެ. އެމެރިކާއިން ވަނީ ސުލައިމާނީ އަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅާ އޭނާއަކީ އެގައުމުގެ ފައުޖުތަކަށް ނުރައްކަލެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.

ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އިއްޔެ ތެހެރާނުގައި ހިތާމަފާޅު ކުރުމުގެ ގޮތުން ބޭއްވި އެއްވުމެއްގައި އެތައް މިލިއަން މީހުން ބައިވެރިވި ކަމަށް ދައުލަތުގެ މީޑިއާއިން ބުންޏެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ "އެމެރިކާ ނައްތާލުމަށާއި ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލުމަށް" ގޮވާލާފަ އެވެ.

އެ އެއްވުމުގައި ސުލައިމާނީގެ އަންހެން ދަރިފުޅު ޒައިނަބު ވަނީ އެމެރިކާއަށް މުސްތަގުބަލުގައި ވަރަށް "އަނދިރި ދުވަހަކާ" ކުރިމަތިލާން ޖެހޭނެ ކަމަށް ބުނެފަ އެވެ. އަދި އީރާންގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ ސުލައިމާނީގެ މަރާ ގުޅިގެން އެގައުމުން ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މީގެ އިތުރުން މިދިޔަ އާދިއްތަ ދުވަހު އީރާނުން ވަނީ އެގައުމުން 2015 ވަނަ އަހަރު ދުނިޔޭގެ ބާރުތަކާ އެކު ހެދި ނިއުކްލިއާ އެއްބަސްވުމަށް ދެން އަމަލު ނުކުރާނެ ކަން އިއުލާންކޮށްފަ އެވެ.

އެ އެއްބަސްވުމުގައި އީރާނުން ވަނީ އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރާ ނަމަ އެގައުމުގެ ނިއުކްލިއާ ހަރަކާތްތައް މަދު ކުރަން އެއްބަސްވެފަ އެވެ. ނަމަވެސް 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ. އަދި އޭގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ.