07 Jan 2020, 14:38
އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރަށްވެހިކަން، ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 15ގެ ކުރިން ރައްވެހިކަން ބަދަކޮށް، ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފި އެވެ.
އެ ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓަރީ އެކުލަވާލައި، ރަޖިސްޓަރީ ފައިނަލް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
އެހެންކަމުން ރަށްވެހިކަން ބަދަލު ކުރަން ނުވަތަ އެޑްރެސް ބަދަލުކުރަން ބޭނުންވާ ފަރާތްތަކުން، 15 ޖެނުއަރީ ވާ ބުދަ ދުވަހުގެ ކުރިން ރަށްވެހިކަން ބަދަލުކޮށް، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހަދައި ނިންމަންވާނެ ކަމަށެވެ.
އަދި އެ ތާރީހަށްފަހު ވޯޓުލާމީހުންގެ ރަޖިސްޓަރީއަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އިލެކްޝަންސްގެ އިއުލާނުގައި ބުނެފައިވެއެވެ.
ކައުންސިލް އިންތިހާބް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހުއެވެ.