30 Nov 2011, 09:46
ފްރާންސް ގެ ލިލޭ ފޯވާޑް ޓޫލިއޯ ޑި މެލޯ ގެ ފައިގެ ފަލަ މަސްގަނޑު އިރައިގެން ދިއުމާއި ގުޅިގެން ހަތަރެއް ނުވަތަ ހަ ހަފްތާ އަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ ކަމަށް އެކުލަބުން ހާމަކޮށްފި އެވެ.
އުމުރުން 26 އަހަރުގެ ޑި މެލޯ އަށް އަނިޔާވީ މިދިޔަ ހޮނިހިރު ދުވަހު ބްރޭސްޓް އާއި ދެކޮޅަށް ލިލޭ ކުޅުނު މެޗުގަ އެވެ. އަނިޔާގެ ސަބަބުން އެމެޗުގެ ފުރަތަމަ ހާފުގައި ޑެ މެލޯ ވަނީ ދަނޑުން ފައިބާފަ އެވެ.
"ޓޫލިއޯ ޑި މެލޯ ގެ ފައިގެ ފަލަ މަސްގަނޑު ވަނީ އިރައިގެން ގޮސްފައި. މިއަނިޔާގެ ސަބަބުން ބްރޭސްޓް އާއި ދެކޮޅަށް ލިލޭ ކުޅުނު މެޗުގެ 26 ވަނަ މިނެޓުގައި ޑި މެލޯ ވަނީ ބަދަލު ކޮށްފަ. ޑެ މެލޯ އަށް ލިބުނު މި އަނިޔާގެ ސަބަބުން އޭނާ ޖެހޭނެ ހަތަރެއް ނުވަތަ ހަ ހަފްތާ ޖެހޭނީ ކުޅުމާއި ދުރުގައި ހުންނަން." ލިލޭ އިން ނެރުނު ބަޔާނެއްގައި ވެއެވެ.
މި ސީޒަން ނިމުމާއެކު ލިލޭ އާ އެކު ޑި މެލޯ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނެ އެވެ. މި ކޮންޓްރެކްޓް ހަމަވުމުން ޑި މެލޯ އާއެކު އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުން ނުވާ ކަމަށް އެކުލަބުން ވަނީ ބުނެފަ އެވެ. ލިލޭ އިން މިކަން ހާމަކުރީ ޑި މެލޯ އަށް ލިބެމުންދާ ގިނަ އަނިޔާތަކުގެ ސަބަބުން ކަމަށް ބެލެވެއެވެ.