07 Jan 2020, 13:13
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުތަކަށް 2.8 މިލިއަން ރުފިޔާ ހަރަދުވީއިރު، ބޭރުގެ ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ހޯއްދަވާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ހާމަކޮށްފި އެވެ.
ސަރުކާރަށް އެއް އަހަރު ފުރުނު ދުވަހުގެ ނިޔަލަށް ޝާހިދު ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއި، ދަތުރުފުޅުތަކުގެ ހަރަދުގެ ތަފްސީލް ހޯދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ދަށުން އާންމު ރައްޔިތަކު ހުށަހެޅުމުން އެ މައުލޫމާތު މިނިސްޓްރީއިން ވަނީ އާންމުކޮށްފަ އެވެ.
ފޮރިން މިނިސްޓްރީއިން ބުނި ގޮތުގައި މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތްތާ އެއް އަހަރު ދުވަސް ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ 20 ދަތުރުފުޅެއް ކުރައްވައިފަ އެވެ.
އެގޮތުން، 2018 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން 2018 ޑިސެމްބަރު 31 އަށް މިނިސްޓަރު ޝާހިދުގެ ރަސްމީ ދެ ދަތުރުފުޅަކަށް ޖުމްލަ 194،590.40ރ ހަރަދުވެފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ. އަދި 2019 ވަނަ އަހަރު ޖެނުއަރީ އެކަކުން 2019 ނޮވެމްބަރު 17 އަށް މިނިސްޓަރ ޝާހިދު ކުރެއްވި 18 ދަތުރުފުޅަކަށް ޖުމްލަ 2.65 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް މިނިސްޓްރީއިން ބުންޏެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި ޝާހިދުގެ ދަތުރުފުޅުތަކަކީ އެކިއެކި ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއި ބައްދަލުކުރެއްވުމަށް އެގައުމުތަކަށް ކުރެއްވި ބައިލޭޓަރަލް ދަތުރުފުޅުތަކަކާއި، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ އެކި ޖަމްއިއްޔާ ޖަމާއަތްތަކުގެ ހައިލެވެލް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ބައެއް ގައުމުތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުތަކެކެވެ.
މިނިސްޓަރު ޝާހިދުގެ މި ދަތުރުފުޅުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުޖްތަމައާއި ދިވެހިރާއްޖެއާއި އޮންނަ ގުޅުން ބަދަހި، ދޭދޭ ގުޅުންތައް ވަރުގަދަވެ، ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖޭގެ ހައްގު މަގާމް ރާއްޖެއިން ހޯދާފައިވާ ކަމަށް ވެސް މިނިސްޓްރީއިން ބުންޏެވެ.
އަދި މި ގުޅުންތަކާއިއެކު، ހިލޭ އެހީގެ ގޮތުގައި 3.21 ބިލިއަން ރުފިޔާ ހެޔޮ އެދޭ ގައުމުތަކުން 2019 ވަނަ އަހަރު ރާއްޖެއަށް ދީފައިވާކަމަށް މިނިސްޓްރީއިން ބުންޏެވެ. އަބޫދާބީން 2019 ވަނަ އަހަރު ރާއްޖެއަށް ދިނުމަށް ނިންމާފައި އޮތް 25 މިލިއަން ޑޮލަރު، 50 މިލިއަން ޑޮލަރުގެ ހިލޭ އެހީއަށް ބަދަލުކޮށްދޭން ނިންމިކަން ވެސް ފޮރިން މިނިސްޓްރީއިން ފާހަގަކުރި އެވެ.
މިނިސްޓްރީއިން ބުނި ގޮތުގައި އަބޫދާބީގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާ ފިނޭންސް މިނިސްޓްރީން މިހާރު ކުރިއަށް އެބަ ގެންދެ އެވެ.