07 Jan 2020, 12:35
ވިންޓާ ބްރޭކާއި އައު އަހަރުގެ ޗުއްޓީއަށްފަހު އިޓާލިއަން ލީގުގެ ކުޅުން ފެށި އިރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ފުރިހަމަ ހެޓްރިކަކާ އެކު ކަލިއާރީ އަތުން ޔުވެންޓަސް މޮޅުވެއްޖެއެވެ.
ނިމިގެން ދިޔަ 2019 ވަނަ އަހަރުގެ ފަހު މެޗުގައި ލާޒިއޯ އަތުން ސުޕަ ކަޕުގެ ފައިނަލުގައި ޔުވެންޓަސް ބަލިވުމުން ލިބުނު ނާކާމީޔާބީއާ އެކު އައު އަހަރާއި އެ ޓީމުން ކުރިމަތިލީ ބޮޑެތި އުންމީދުތަކަކާ އެކުއެވެ. އެގޮތުން ކުޅުނު ފުރަތަމަ މެޗުގައި ރޭ ކަލިއާރީ އަތުން އެ ޓީމު ކުރި ހޯދީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މޮޅާއެކު ޔުވެންޓަސް ތާވަލުގެ އެއްވަނައިގައި އޮތީ 45 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށްވެސް 45 ޕޮއިންޓް ލިބިފައިވާ އިރު ޔުވެންޓަސް ތާވަލުގެ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ތިންވަނައިގައި އޮތް ލާޒިއޯ އެއް މެޗު މަދުން ކުޅެ ލިބިފައި ވަނީ 39 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ރޭ ޔުވެންޓަސް ކުޅުނު މެޗު ފެށިގެން އެ ޓީމުން ދިޔައީ ގިނަ ހަމަލާތަކެއް އުފައްދާ މެޗު ޑޮމިނޭޓް ކުރަމުންނެވެ. އެކަމަކު ފުރަތަމަ ހާފު ނިމުނު އިރުވެސް އިދިކޮޅު ގޯލު ފޫއަޅުވާލެވޭ ވަރެއް ނުވިއެވެ.
ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނަޓުގެ ތެރޭގައި ރޮނާލްޑޯ ޔުވެންޓަސްއަށް ލީޑު ނަގައިދިނެވެ. އަދި 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ޔުވެންޓަސްގެ ލީޑު އިތުރަށް ފުޅާ ކޮށްދިން އިރު އޭނާ ދިން ޕާހަކުން ތިންވަނަ ގޯލު ޖަހައިދިނީ ގޮންޒާލޯ އިވައިންއެވެ. ރޮނާލްޑޯ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ މެޗުގެ 82 ވަނަ މިނަޓުގައެވެ. މިއީ އޭނާ ކެރިއަރުގައި ހެދި 56 ވަނަ ހެޓްރިކެވެ. އަދި މި ހެޓްރިކާއެކު އޭނާ ވަނީ ޖުމުލަ 11 މުބާރާތެއްގައި ހެޓްރިކް ހެދުމުގެ ޝަރަފު ހޯދައިފައެވެ.
އަދި އެހެންމެ، ރޮނާލްޑޯ ވަނީ ޔުވެންޓަސް ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައިވެސް ގޯލު ޖަހައިފައެވެ. އަންނަ މަހު އުމުރުން 35 އަހަރު ފުރޭ ރޮނާލްޑޯއަކީ އަދިވެސް މުޅި ޔޫރަޕުގައި ހުރި އެންމެ ނުރައްކާތެރި ސްޓްރައިކަރެވެ.
ޔުވެންޓަސްގެ މޮޅު ކުޅުން ފެނިގެންދިޔަ މެޗުގެ އިތުރުންވެސް ފޯރިގަދަ ލީގު މެޗުތަކެއް އިޓާލިއަން ލީގުގައި ރޭ ކުޅުނެވެ. އެގޮތުން އިންޓަ މިލާނުން 1-3 ގެ ނަތީޖާއަކުން ނަޕޮލީ ބަލިކުރި އިރު އޭސީ މިލާނާއި ސަމްޕްޑޯރިއާ ވާދަކުރި މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.