30 Nov 2011, 09:44
ޗެލްސީ އަށް އިތުރު އަހަރެއް ކުޅުމަށް އައިވަރީ ކޯސްޓްގެ ފޯވާޑް ޑިޑިއާ ޑްރޮގްބާ އެއްބަސްނުވެ، އެކުލަބުން ހުށަހެޅި އާ ހުށަހެޅުން ދޫކޮށްލައިފި އެވެ. ޑްރޮގްބާ ހިޔާރުކުރާނީ ބޮޑު އަގެއް ހުށަހަޅާ ކުލަބެއް ކަމަށް އޭނާގެ އެޖެންޓް ވަނީ ބުނެފަ އެވެ.
ޗެލްސީއާ އެކު ޑްރޮގްބާ ހަދާފައިވާ އެއްބަސްވުން މިއަހަރު ނިމުމުން ހަމަވާނެ އެވެ. އުމުރުން 33 އަހަރުގެ ފޯވާޑް ޑްރޮގްބާ ވަނީ ޗެލްސީ އަށް ހަތް އަހަރު ދުވަހު ކުޅެފަ އެވެ. ޗެލްސީ ގައި ޑްރޮގްބާގެ ބޭނުން މިހާރު ދަނީ މަޑު މަޑުން ނެތެމުން ނެވެ. ޑެނިއަލް ސްޓަރިޖް އަދި ފެނާންޑޯ ޓޮރޭސް ޗެލްސީ އާއި ގުޅުމާއި ގުޅިގެން އެ ދެކުޅުންތެރިންގެ ބޭނުން އެކުލަބުން ބޮޑަށް ހިފާކަން ފާހަގަ ކޮށްލެވެ އެވެ.
"އިތުރު އެއް އަހަރު ދުވަހު ޗެލްސީ ގައި މަޑުކުރުމަށް އެކުލަބުން ޑްރޮގްބާ އަށް ހުށަހަޅާފައިވޭ. ނަމަވެސް އަހަރެމެން އެގޮތެއް ބޭނުމެއް ނޫން. އޭސީ މިލާނުން ލޯނުގެ ދަށުން ޑްރޮގްބާ ގެންދިއުމަށް މަސައްކަތް ކުރި. އެކަމަކު އަހަރެން ބުނިން ނޫނެކޭ. ޑްރޮގްބާގެ އުމުރުގައި ކުޅުންތެރިއެއްގެ ގޮތުން މާ ބޮޑު ބޭނުމެއް ނުހިފިދާނެ. އެހެންކަމުން ޑްރޮގްބާ ގުޅޭނީ ބޮޑު އަގެއް ކިޔާ ކުލަބަކާ." ޑްރޮގްބާ ގެ އެޖެންޓް ބުންޏެވެ.