އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ކާމިޔާބު ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަށްވުރެން ދިވެހި ރާއްޖޭގައި ދިރިއުޅެން އައުން ވެސް މާ ރަނގަޅުވާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އިނގިރޭސި ނޫސްތަކުގެ ފަލަ ސުރުހީގައި މިވަގުތު އޮތް ބޮޑު ވާހަކައަކީ، ޔުނައިޓެޑާއި ސިޓީގެ ވާދަވެރި ކުރިމަތިލުމުގެ ވާހަކަ އެވެ. އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުގައި މި ދެޓީމުގެ ކުރިމަތިލުން ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ސްޓޭޑިއަމުގައި އޮންނަ އިރު މެޗުގެ ކުރިން ދެ ޓީމުގެ ކޯޗުން އެއް ޓީމެއް އަނެއް ޓީމަށް ޖޯކު ޖަހައި ހެދުމަކީ އާދައެކެވެ.

ކުރިން ސްޕެއިންގެ ބާސެލޯނާ އާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ވެސް ކޯޗުކަން ކޮށްދިން ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއަށް ބަދަލުވުމުގެ ކުރިން އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ހަވާލުވާން އުޅުނު ކަމުގެ ވާހަކަ އެވެ. އެކަމަކު އެ ޓީމާ އެންމެ ވާދަވެރި ސިޓީއާ ގުޅި، ގާޑިއޯލާ ވަނީ ތިން އަހަރު ތެރޭ މުޅި އިނގިރޭސި ފުޓުބޯޅަ ފަތަހަކޮށްފަ އެވެ. އެގޮތުން ވިދިވިދިގެން ދެފަހަރު ލީގު ކާމިޔާބު ކުރި އިރު ދެ ލީގު ކަޕާއި އެފްއޭ ކަޕެއްގެ އިތުރުން ކޮމިއުނިޓީ ޝީލްޑެއް ވެސް ވަނީ ހޯދައިފަ އެވެ.

ލީގު ކަޕުގެ ކުރިން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ގާޑިއޯލާ ވަނީ ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމާ ބެހޭ ގޮތުން ވާހަތަކެއް ދައްކާފަ އެވެ.

"ސިޓީއަށް ކޯޗުކަން ކޮށްދީފަ ދެން ގޮސް ޔުނައިޓެޑަށް ކޯޗުކަން ކޮށްދިނުމަކީ ވާނެ ކަމެއް ނޫން. އެއީ ކުރިން ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމަށްފަހު ގޮސް ރެއާލް މެޑްރިޑަށް އިރުޝާދު ދިނުން ކަހަލަ ކަމެއް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ، ސިޓީއަށް ފަހު އޮފާއެއް ނެތިއްޖެ ނަމަ އޭނާ ދާނީ ދިވެހި ރާއްޖެއަށް ކަމަށެވެ. އެކަމަކު ރާއްޖޭގައި ގޮލްފް ކޯހެއް ނެތްކަން ގާޑިއޯލާ ވަނީ ފާހަގަކޮށްފަ އެވެ.

ސިޓީއާއި ޔުނައިޓެޑަކީ ޒަމާނުއްސުރެން އެންމެ ވާދަވެރި ދެ ކުލަބެވެ. އެހެން ނަމަވެސް ޔުނައިޓެޑްގެ ލެޖެންޑަރީ ކޯޗު ސާ އެލެކްސް ފާގަސަން ރިޓަޔާ ކުރި ހިސާބުން ފެށިގެން އެ ކުލަބަށް ރަނގަޅު ނަތީޖާތަކެއް ނެރެވޭ ގޮތް ވަނީ ނުވެފަ އެވެ. އަދި ކުރިން ތަށްޓަށް އަމާޒު ޖަހައިގެން ކުޅެމުން އައި ޓީމު މިހާރު އަމާޒު ހިފަނީ ގަދަ ހަތަރެއް ނުވަތަ ގަދަ ހައެއްގައި ލައްވާލުމަށެވެ.

ޔޫރޮޕުގެ ފުޓުބޯޅައިގެ މެދުކެނޑުމެތް ނެތް ޓްރެއިނިންގް ތަކާއި މެޗު ޕްރެޝަރުތަކަށްފަހު ކުޅުންތެރިން 11 ގަޑިއިރުގެ ދިގު ދަތުރުތަކެއް ކޮށް ރާއްޖެ އައުމަކީ ވަރަށް އާއްމު ކަމެކެވެ. ޔޫރޮޕުގެ ފިނިކަމުގެ ތެރެއިން މިދިޔަ ވިންޓާ ބްރޭކުގައި ވެސް މަގްބޫލު ގިނަ ކުޅުންތެރިންނާއި ކޯޗުން ވަނީ ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފަ އެވެ. އެގޮތުން ސިޓީގެ މުހައްމަދު ސަލާހް އަދި ކަރީމް ބެންޒީމާ ފަދަ ކުޅުންތެރިން މިދިޔަ އަހަރުގެ ބްރޭކުގައި ވަނީ ރާއްޖެ އައިސްފަ އެވެ.