އުސްފަސްގަނޑު ތަރައްގީ ކުރާނީ ހިތްހަމަ ޖައްސާލުމަށް ދެވޭ ތަނެއްގެ ގޮތުގައި ކަމަށް ޕްލޭނިން މިނިސްޓްރީ އިން ބުނެފި އެވެ.

މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑަކީ މީގެ ކުރިންވެސް ކުޑަކުދިން ދުވެ، ކުޅެ ހަދާލުމަށާއި ހިތްހަމަ ޖައްސާލުމަށް ގޮސް އުޅުމަށް ބޭނުންކުރި ތަނެކެވެ. މީގެ ކުރިން އެ ސަރަހައްދުގައި ގާޑިޔާ ވިޔަފާރިވެސް ކުރި އެވެ.

ނަމަވެސް ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް އެ ސަރަހައްދު އާންމުންނަށް ބަންދުކޮށް، އެ ސަރަހައްދު ބޭނުންކުރީ ބްރިޖުގެ މަސައްކަތް ކުރި ކުންފުނީގެ އެކޮމޮޑޭޝަން އަދި އޮފީސް އިމާރާތްތައް އެޅުމަށެވެ.

ޖެނުއަރީ 6، 2020: މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އަޅާފައި ހުރި ގެތައް ނަގައި ނިންމާ އެ ސަރަހައްދު ހުސްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބްރިޖުގެ މަސައްކަތް ނިންމާ ބްރިޖު ބޭނުންކުރަން ފެށިތާ އަހަރެއް ފަހުން ބްރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އިން ވަނީ އުސްފަސްގަނޑު ސަރަހައްދު ހުސްކުރަން ފަށައިފަ އެވެ.

އެ ސަރަހައްދުގައި ކުންފުނިން އަޅާފައި ހުރި ގެތައް ނަގާ ސާފުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ޕްލޭނިން މިނިސްޓްރީ އިން ބުނީ އުސްފަންގަނޑު ސަރަހައްދު ތަރައްގީކުރާނީ އާންމުންނަށް ގޮސް ހިތްހަމަ ޖައްސާލައިގެން ތިބެވޭނެ ތަނެއްގެ ގޮތުގައި ކަމަށެވެ.

ޖެނުއަރީ 6، 2020: މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އަޅާފައި ހުރި ގެތައް ނަގައި ނިންމާ އެ ސަރަހައްދު ހުސްކުރުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އެ ސަރަހައްދު ބޭނުންކުރާނީ ރެކްރިއޭޝަނަލް ކަންތައްތަކަށް. ހިތްހަމަ ޖައްސާލަން ތިބެވޭނެ ތަނެއްގެ ގޮތުގައި ތަރައްގީ ކުރާނީ. މިހާރު އެތަން ހުސްކޮށް، ސާފު ކުރުމުގެ ކަންތައް ކުރިއަށްދަނީ. އެކަންތައް ނިމުމުން ޕްލޭނާ އެއްގޮތަށް އެ ސަރަހައްދު ތަރައްގީ ކުރަން ފަށާނެ،" ޕްލޭނިން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

ބްރިޖާ އިންވެގެން އޮންނަ ލޮނުޒިޔާރަތްކޮޅުގައިވެސް ބްރިޖު މަސައްކަތްކުރި ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކެއް ހުއްޓެވެ. ނަމަވެސް އެތަން ރޫޅާލާ، އެ ސަރަހައްދުގައި މިހާރު ވަނީ ޕާކެއް ތަރައްގީކޮށްފަ އެވެ.

އުސްފަސްގަނޑަކީ ސިޔާސީ ހަރަކާތްތައްވެސް ކުރިއަށްގެންދިޔަ ސަރަހައްދެކެވެ. އެގޮތުން، ފެބުރުއަރީ 7، 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޕާޓީ ކޭމްޕް ޖަހައިގެން އުސްފަސްގަނޑު ދިގު ދެމިގެން ދިޔަ އިހުތިޖާޖެއް ކުރި އެވެ.