ކެންބެރާ (ޖެނުއަރީ 7): އޮސްޓްރޭލިއާގައި ރޯވެފައިވާ އަލިފާންގަނޑުތައް ނިއްވުމުގައި އެހީތެރިވުމުގެ ގޮތުން އެގައުމުގެ ކޮމީޑިއަން ސެލެސްޓް ބާބާ ހުޅުވާފައިވާ ފަންޑަށް 28 މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު ފޭސްބުކް މެދުވެރިކޮށް ބާބާ ހުޅުވި އެ ފަންޑަށް އެންމެ ދެ ދުވަސް ތެރޭ ވަނީ 13 މިލިއަން ޑޮލަރު ހަދިޔާކޮށްފަ އެވެ. އަދި މިހާރު އެ އަދަދު ދެ ގުނައަށް ވުރެ އިތުރުވެފައިވާ އިރު، އެ ފަންޑަށް އެއް މިލިއަނަށް ވުރެ ގިނަ މީހުން ފައިސާ ހަދިޔާކޮށްފައިވާ ކަމަށް ފޭސްބުކުން ދައްކަ އެވެ.

އޮސްޓްރޭލިއާއަށް ފައިސާގެ އެހީ ދީފައިވާ މަޝްހޫރު ފަންނާނުންގެ ތެރޭގައި ބަތަލާ ނިކޯލް ކިޑްމަން، ކޮމީޑިއަން އެލެން ޑިޖެނެރެސް، ލަވަކިޔުންތެރިޔާ ޕިންކް އަދި ސެލީނާ ގޯމެޒް ހިމެނެ އެވެ.

އިންސްޓަގްރާމްގައި 6.5 މިލިއަން 'ފޮލޯވަރުން' ތިބި ބާބާ ބުނި ގޮތުގައި އެ ފަންޑު ހުޅުވި އިރު އޭނާ ނިންމާފައި އޮތީ، އަލިފާނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ ނިއު ސައުތު ވޭލްސްގެ ރޫރަލް ފަޔާ ސާވިސެސްއަށް ހުރިހާ ފައިސާއެއް ހަދިޔާ ކުރާށެވެ. ނަމަވެސް ފަހުން އޭނާ ވަނީ މުޅި ގައުމަށް އެހީ ފޯރުކޮށްދެވޭ ގޮތަށް އެކި ސްޓޭޓުތަކާއި ޖަމްއިއްޔާތަކަށް އެ ފައިސާ ބަހަން ނިންމާފަ އެވެ.

އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި ރޯވެފައިވާ އަލިފާންގަނޑުތަކުގެ ސަބަބުން 25 މީހަކު ވަނީ މަރުވެފަ -- ފޮޓޯ: އޭއެފްޕީ

މިދިޔަ ސެޕްޓެމްބަރު ފަހުން ފެށިގެން އޮސްޓްރޭލިއާގެ އެކި ސަރަހައްދުތަކުގައި އަނދަމުންދާ އަލިފާންގަނޑުތަކުގެ ސަބަބުން 25 މީހުންނާއި އެތައް މިލިއަން ޖަނަވާރު ވަނީ މަރުވެފަ އެވެ. އަދި 2،000 ވަރަކަށް ގެ އަނދާ ހުލިވެ، ގިނަ އަދަދެއްގެ މީހުންނަށް ވަނީ އެމީހުންގެ ގެތައް ދޫކޮށް ރައްކާތެރި ހިސާބުތަކަށް ދާން މަޖުބޫރުވެފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކަށް ވަނީ ވާރޭވެހިފަ އެވެ. ނަމަވެސް އަންނަ ހުކުރު ދުވަސް އަންނަންވާ އިރަށް އަނެއްކާ ވެސް ހޫނުގަދަވެ ވައި ބާރުވާނެ ކަމަށް އެގައުމުގެ މީޓިއޮރޮލޮޖީ ބިއުރޯއިން ވަނީ ބުނެފަ އެވެ. އަދި ބޮޑުވަޒީރު ސްކޮޓް މޮރިސަން ވަނީ އެ އަލިފާންގަނޑުތައް އިތުރު މަސްތަކެއް ވަންދެން އަނދަމުން ދިޔުން އެކަށީގެންވާ ކަމަށް ވިދާޅުވެފަ އެވެ.

އޮސްޓްރޭލިއާގެ އިންޝުއަރެންސް ކައުންސިލުން ވަނީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ އަގު މިހާތަނަށް 485 މިލިއަން ޑޮލަރަށް އަރާ ކަމަށާއި ކުރިއަށްއޮތް ތަނުގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ލަފާކޮށްފަ އެވެ. އަދި އެ އަލިފާންގަނޑުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް ދެ އަހަރަށް 1.4 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް މޮރިސަން ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ އަލިފާންގަނޑުތައް ރޯވި ފަހުން ބޮޑުވަޒީރު މޮރިސަން ޗުއްޓީއަށް ވަޑައިގެންނެވުމުންނާއި އެ ކާރިސާއާ މޫސުމީ ބަދަލުތަކާ އޮތް ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަން ދެކޮޅު ހެއްދެވުމުން އޭނާއަށް ގިނަ ބަޔެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.