30 Nov 2011, 09:40
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގަސްތުގައި ކޯރަމް ގެއްލުވާލައި ޖަލްސާ އަށް ވަޑައިނުގަތީ ކަމަށް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވއިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގެ ކޯރަމް ގެއްލުނީ ލާމަރުކަޒީ އުސޫލުން އަތޮޅުތައް ހިންގުމުގެ ބާރުތައް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ދީފައިވީ ނަމަވެސް ޅ. އަތޮޅާއި އެ އަތޮޅުގެ ރަށްރަށަށް ފައިދާނުވާ ގޮތަށް އެ އަތޮޅުގެ ފަޅުރަށްތައް ސަރުކާރުން އެކި ފަރާތްތަކަށް ދޫކުރަމުންދާދިއުން ހުއްޓުވުމަށް އެދި ގޮވާލައި ކުރެންދޫ ދާއިރާގެ މެންބަރު އަހްމަދު މޫސަ ހުށަހެޅުއްވި، ގަރާރުގެ ބަހުސް ފެށުމަށް ނިންމައި މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ޖަލްސާގެ ރިޔާސަތު ނާއިބު ރައީސް އަހްމަދު ނާޒިމާ ހަވާލު ކުރެއްވި ހިސާބުންނެވެ.
ކޯރަމް ރަނގަބީލު ޖެހުމުން ވެސް ކޯރަމް ހަމަ ނުވެގެން 9:40ގައި ޖަލްސާ ނިންމަވާ ލައްވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމު ވިދާޅުވީ ގަސްތުގައި މެންބަރުން ޖަލްސާގެ ކޯރަމް ގެއްލުވާލެއްވީ ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވާތީ ކަމަށެވެ. އެހެންކަމުން މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ކަމަށް ނާޒިމު ވިދާޅުވި އެވެ.
"ކޯރަމް ނަގައިލީ ގަސްތުގައި ކަމުގައި ދަންނަވަން ޖެހޭ. އެހެންވީމާ އަޅުގަނޑު ގަސްތު ކުރަނީ މަޖިލީހުގެ މެންބަރުން ގަސްތުގައި މަޖިލީހުގެ ކޯރަމް ނަގާލައި ޖަލްސާ ކުރިއަށް ގެންދަން ބޭނުން ނުވަނީ ކަމަށް. އެހެންވީމާ އަޅުގަނޑު ގަސްތު ކުރަނީ މިހިސާބުން މިއަދުގެ ޖަލްސާ ނިންމާލަން،" ނާޒިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައި ވަނީ ވަޒީރުންނާ ސުވާލު ކުރުމުގެ ބަޔާއި ކުރެންދޫ ދާއިރާގެ މެންބަރު ބިލް ހުށަހެޅުއްވުމުގެ ބައި އެކަންޏެވެ. މިއަދުގެ ސުވާލު ކުރުމުގެ ވަގުތުގައި އަރަބި މީޑިއަމަށް ތައުލީމް ހާސިލްކުރަން ބޭނުންވި ހުރިހާ ދަރިވަރުންނަށް އަންނަ އަހަރަށް އެ ފުރުސަތު ސަރުކާރުން ފަހިކޮށްދީފައިވޭތޯ، އެޑިއުކޭޝަން މިނިސްޓަރު ސުވާލު ކުރައްވާފައި ވަނީ މާވަށު ދާއިރާގެ މެންބަރު އަބުދުލް އަޒީޒު ޖަމާލު އަބޫބަކުރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސަލާމަތީ ހިދުމްތަތްކާ ބެހޭ ކޮމިޓީން އަލުން އެލުލަވާލި ގޮތަށް، އެ ކޮމިޓީ އަށް މެންބަރުން ހަމަޖެއްސުމަށް ފޮނުވާފައިވާ ނަންތައް ފާސްކުރުން ހިމެނެ އެވެ. އޭގެ އިތުރުން ވެލިދޫ ދާއިރާގެ މެންބަރު އަލީ މުހައްމަދު ހުށަހަޅުއްވާފައިވާ މެޑިކަލް ޑިވައިސަސްއާ ބެހޭ ބިލާއި ސަރުކާރުން ނޮޅިވަރަމު ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ އާބިޓްރޭޝަންގެ ބިލާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހަޅުއްވާފައިވާ މާކަންޓައިލް ކޯޓުގެ ބިލުގެ އިތުރުން ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ ސްޓްރާޓާގެ އުސޫލުން އިމާރާތް ކުރުމުގެ ބިލު،ގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް މިއަދުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.