ޕޮޕް މިއުޒިކް އިންޑަސްޓްރީގައި މިހާރު ހުރި އެންމެ ވަރުގަދަ އެއް ފަންނާނު ކަމަށްވާ ޓޭލާ ސްވިފްޓުގެ ހަޔާތުގެ މައްޗަށް ނެޓްފްލިކްސް އިން ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް ނެރުމަށް ނިންމައިފި އެވެ.

"މިސް އެމެރިކާނާ"ގެ ނަމުގައި ނެޓްފްލިކްސް އިން ތައްޔާރުކުރާ ޑޮކިއުމެންޓްރީއަކީ ޓޭލާގެ މިއުޒިކް ކެރިއަރުގެ އެންމެ އުސް އަލިތައް ފާހަގަކުރާނެ ޑޮކިއުމެންޓްރީއެއް ކަމަށް ނެޓްފްލިކްސް އިން ބުނެފައިވެއެވެ.

ލޭނާ ވިލްސަން ޑައިރެކްޓު ކުރާ އެ ޑޮކިއުމެންޓްރީގައި ޓޭލާ މިއުޒިކް އިންޑަސްޓްރީގައި ކަޑައްތުކުރި ހަރުފަތްތަކާއި ކުރިމަތިލީ ދަތި އުނދަގުލަށް އަލި އަޅުވާލާނެއެވެ. އަދި އެ ޑޮކިއުމެންޓްރީއަކީ ބެލުންތެރިންގެ އިހުސާސްތަކާ ކުޅެލާނެ "އިމޯޝަނަލް" އެއްޗަކަށް ވާނެ ކަމުގެ ޔަގީންކަން ނެޓްފްލިކްސް އިން ދެއެވެ.

އެ ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ގައެވެ. އެގޮތުން އެ ފިލްމު އެންމެ ފުރަތަމަ ދެއްކުމަށް ހަމަޖެހިފައިވަނީ ސަންޑެންސް ފިލްމު ފެސްޓިވަލްގައެވެ.

ޓޭލާ އަންނަނީ މިއުޒިކް އިންޑަސްޓްރީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން އޭނާގެ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ބިލްބޯޑުން ވަނީ ފާއިތުވި ޑިކޭޑް ނުވަތަ ދަހަރުގެ އެންމެ މޮޅު ފަންނާނުގެ ލަގަބު ޓޭލާއަށް ދީފައެވެ.