30 Nov 2011, 09:23
ކުވައިތު ސިޓީ (ނޮވެމްބަރ 30) : ކުވައިތުގައި އައު ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އެޤައުމުގެ ޝާހީ ޢައިލާގެ މެންބަރެއް ކަމަށްވާ ޖާބިރުލްމުބާރަކް އައްސަބާޙް އާ ޙަވާލުކުރައްވައިފިއެވެ. މިކަން ޖާބިރާ ޙަވާލުކުރެއްވީ ކުވައިތުގެ އަމީރު އައްޝައިޚް ސަބާޙުލްއަޙްމަދެވެ.
ކުވައިތުގެ ސަރުކާރު މިހަފްތާގެ ހޯމަދުވަހުވަނީ އިސްތިއުފާ ދީފައެވެ. އައުސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ޙަވާލުކުރެވުނު ޖާބިރަކީ ކުރީގެ ސަރުކާރުގެ ދިފާޢީ ވަޒީރުކަމާއި ބޮޑުވަޒީރުގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ކުވައިތުގެ އެތަށް ހާސްބަޔަކު މިމަހުގެ 16ވަނަ ދުވަހުވަނީ އެޤައުމުގެ ޕާލަމެންޓް ޢިމާރާތަށް އަރައިގަނެއެތަންހިފައި ކުވައިތު ސަރުކާރުގައި ހިނގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ ޢމަލުތައް ޤައުމުގެ ސަމާލުކަމަށް ގެނަސްފައެވެ.
ޑިމޮކްރަސީއަށް ގޮވާލާ އެކްޓިވިސްޓުން ކުރިޔަށްތިބެގެން ކުވައިތުގެ އެތަށް ހާސްބަޔަކު އެޤައުމުގެ ޕާލަމެންޓަށް އަރައިގަތީ ސަރުކާރު އިސްތިއުފާދިނުމަށް ގޮވާލައި ސުލްޙަވެރިކަމާއެކުކުރި އިޙްތިޖާޖްތައް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމާއެކު އެތަށްބަޔަކަށް އަނިޔާވުމުން އެކަން ކުވައިތު ރައްޔިތުންގެ ސަމާލުކަމަށް ގެނައުމަށެވެ.
މިފިއްތުންތަކާއެކު ކުވައިތުގެ ސަރުކާރު މިދޔަ ހޯމަދުވަހު އިސްތިއުފާ ދިނުމުން ޕާލަމެންޓްގެ ރައީސް ޖާސިމްއަލްޚުރާފީވަނީ ޕާލަމެންޓްގެ ޖަލްސާތައް ވަގުތީގޮތުން މެދުކަނޑާލައްވާފައެވެ. އައު ސަރުކާރެއް އެކުލަވާނުލެވެނީސް ޕާލަމެންޓްގެ ޖަލްސާއެއް ނުބާއްވާނެ ކަމަށްވެސް ޖާސިމް ވިދާޅުވިއެވެ. އައު ސަރުކާރެއް އެކުލަވާލެވެންދެން އިސްތިއުފާދިން ސަރުކާރުގެ ކެބިނެޓާވަނީ ޤައުމު ހިންގުން ވަގުތީގޮތުން ޙަވާލުކޮށްފައެވެ.
ކުވައިތަކީ ރައްޔިތުން އިންތިޚާބުކުރާ ޕާލަމެންޓެއް އޮންނަ ޤައުމެއް ކަމަށްވިޔަސް އެޤައުމުގެ ވެރިކަމުގެ ހުރިހާ ބާރުތަކެއް އޮންނަނީ ރަސްކަލެއްގެ ގޮތުގައި ހުންނަވާ އަމީރު ގެ އަތްޕުޅުގައެވެ. ބޮޑުވަޒީރަކަށް ޢައްޔަންކުރަނީވެސް ޝާހީ ޢާއިލާގެ ބޭފުޅެކެވެ. އަދި ކެބިނެޓްގެ ގިނަ މަޤާމުތަކާއި ސަރުކާރުގެ އިސްމަޤާމުތަކުގައި ގިނައިން އުޅުއްވަނީ ޝާހީ ޢާއިލާގެ ބޭފުޅުންނެވެ. ކުވައިތުގައި ސިޔާސީ ޕާޓީތައް އެކުލަވާލުމުގެ ހުއްދައެއްވެސް ނޯވެއެވެ. ނަމަވެސް ސިޔާސީ ބައެއް ފިކުރުތަކުގެ ޖަމާއަތްތައް ސިޔާސީ މައިދާނުގައާއި ޕާލަމެންޓްގައި ޙަރަކާތްތެރިވެއެވެ. (އަލްޖަޒީރާ)