06 Jan 2020, 18:42
ތެހެރާން (ޖެނުއަރީ 6): އީރާނުގެ އަސްކަރިއްޔާގެ އެންމެ ބާރުގަދަ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރާ ގުޅިގެން ހިތާމަ ފާޅު ކުރާ މީހުން އެގައުމުގެ ވެރިރަށް ތެހެރާންގެ މަގުތައް ފުރާލައިފި އެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑުސްގެ ހަނގުރާމަ އާއި ޖާސޫސީ އޮޕަރޭޝަންތަކާ ގުޅުން ހުރި ޔުނިޓު ނުވަތަ ގުދުސް ފޯސްގެ ވެރިޔާ ކަމަށްވާ ސުލައިމާނީ އަވަހާރަކޮށްލީ އެމެރިކާއިން މިދިޔަ ހުކުރު ދުވަހު އިރާގުގެ ބަޣުދާދުގައި ދިން ހަމަލާއެއްގަ އެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ތެހެރާނުގައި މިއަދު ބޭއްވި އެއްވުމުގައި އެތައް މިލިއަން މީހުން ބައިވެރިވި އެވެ. އަދި ސުލައިމާނީއަށް ހެޔޮ ދުއާ ކުރުމުގައި އީރާނުގެ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އެގައުމުގެ ޕާލިމެންޓުގެ ރައީސް އަލީ ލަރިޖާނީ ބައިވެރިވެވަޑައިގެންނެވި އެވެ.
މީގެ އިތުރުން އެ އެއްވުމުގައި ސުލައިމާނީގެ ދަރިފުޅު ޒައިނަބު ވަނީ އެމެރިކާ އާއި އެގައުމާ އެކު މަސައްކަތް ކުރާ އިސްރާއީލަށް ދެން "ވަރަށް އަނދިރި ދުވަހެއް" އަންނާނެ ކަމުގެ އިންޒާރު ދީފަ އެވެ.
"ބައްޕަގެ މަރާ އެކު ހުރިހާ ކަމެއް ނިމުނީ ކަމަށް ޓްރަމްޕް ހީކޮށްގެން ނުވާނެ. މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންގެ އާއިލާތަކުން ތިބެން ޖެހޭނީ އެމީހުންގެ ދަރިންގެ މަރަށް އިންތިޒާރުކޮށްގެން،" ތެހެރާނުގައި އެއްވެފައި ތިބި މީހުންނާ ވާހަކަ ދައްކަމުން ޒައިނަބު ބުންޏެވެ.
އެ އެއްވުމުގައި ބައިވެރިވި ގިނަ މީހުން ތިބީ ކަޅު ހެދުން ލައިގެން، ސުލައިމާނީގެ ފޮޓޯތައް ހިފައިގެންނެވެ. އަދި ބައެއް މީހުން ވަނީ އެމެރިކާ އާއި އިސްރާއީލްގެ ދިދަ އަންދާ، "އެމެރިކާ ނައްތާލުމަށް" ގޮވާލާފަ އެވެ.
ސުލައިމާނީގެ ހަށިކޮޅު ފަސްދާނުލާން ހަމަޖެހިފައި ވަނީ އޭނާގެ އުފަންރަށް ކަމަށްވާ ކިރްމަންގައި މާދަމާ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން ސުލައިމާނީގެ މަރަށް ބަދަލު ހިފައިފި ނަމަ އެގައުމުގެ 52 އަމާޒަކަށް ހަމަލާ ދޭނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އިއްޔެ އީރާނުން ވަނީ އެގައުމުން ނިއުކްލިއާ ހަތިޔާރު އުފެއްދުން ހުއްޓުވުމަށް، ދުނިޔޭގެ ބާރުތަކާ އެކު 2015 ވަނަ އަހަރު ހެދި އެއްބަސްވުމަށް ދެން އަމަލު ނުކުރާނެކަން އިއުލާންކޮށްފަ އެވެ. މީގެ ކުރިން 2018 ވަނަ އަހަރު އެމެރިކާއިން ވަނީ އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފަ އެވެ.