އެމްޑީޕީގެ ތިލަދުންމަތީ ދަތުރާއި އުތުރު މަހާސިންތާ މި މަހު 12 ވަނަ ދުވަހު ބާއްވަން ހަމަޖައްސައިފި އެވެ.

ކަނޑައަޅާފައިވާ ވަކި އަދަދަކަށް އާންމުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށް ގެންދާ އެ ދަތުރުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.

އެމްޑީޕީން ބުނީ އެ ދަތުރުގެ ބޭނުމަކީ ތިލަދުންމަތީގެ ރަށްތަކަށް ޒިޔާރަތްކޮށް އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލު ކުރުން ކަމަށެވެ.

އެ ދަތުރުގެ ތެރެއިން ކުރިއަށްގެންދާ އުތުރު މަހާސިންތާ އޮންނާނީ ކުޅުދުއްފުށި ސިޓީގަ އެވެ.

އެމްޑީޕީން ކުރިއަށްގެންދާ ތިލަދުންމަތީ ދަތުރުގައި އާންމު މެމްބަރުންނަށް 300 ޖާގަ ދޫކުރަން ވަނީ ނިންމާފަ އެވެ. ކޮންމެ ޖާގައެއް ވެސް ދޫކުރަނީ 100 ރުފިޔާގެ ރޭޓުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެމްޑީޕީން ވަނީ ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން 'ދެކުނު މަހާސިންތާ'ގެ ނަމުގައި ހަރަކާތެއް ބާއްވާފަ އެވެ. ރައީސް ނަޝީދު ބައިވެރިވެވަޑައިގެންނެވި އެ މަހާސިންތާ ކުރިއަށް ގެންގޮސްފައިވަނީ ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީގެ ކައުންސިލްތަކާއެކުގަ އެވެ.