މިދިޔަ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހު ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަޕޯޓަރުން ބޭއްވި އެއްވުމެއްގެ ތެރެއިން ހައްޔަރުކުރި މީހަކު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކަނޑައަޅައި، އެ އަމުރު ހައިކޯޓުން މިއަދު ބާތިލްކޮށްފިއެވެ.

އެ ރޭ އިދިކޮޅުން މާލޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށްފަހު، ޖަލްސާގެ ބައިވެރިންނާއި ރައީސް ޔާމީނަށް ތާއީދުކުރާ ފަރާތްތަކުން އެއްވެ އުޅުމުގެ ގާނޫނާ ހިލާފަށް ޕީޕީއެމް އޮފީސް ކުރިމައްޗަށާއި މާލޭގެ އެހެނިހެން ސަރަހައްދުތަކަށް އެއްވެ އަޑުގަދަކޮށް، އެ ސަރަހައްދުގެ އާންމު ޓްރެފިކަށް ދަތިވާގޮތަށް އަމަލުކޮށް އެ ސަރަހައްދުގެ އަމަންއަމާންކަން ބަލަހައްޓަން އުޅުނު ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅި ކަމަށް ބުނެ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

އެމީހުން ބަންދުގައި ބޭތިއްބުމަށްފަހު މިހާރު އެމީހުން ވަނީ ދޫކޮށްލައިފައެވެ.

ބަންދުކުރި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ރަޝީދު، ދަގަނޑުތަޅާގެ/ތ.ހިރިލަންދޫ، ވަނީ އޭނާ ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. މުހައްމަދު ރަޝީދުގެ ފަރާތުން އެ އަމުރު އިސްތިއުނާފުކޮށްފައި ވަނީ، އޭނާ ބަންދުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެއެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ މުހައްމަދު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކީ މިހާރުވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައެއްކަން އެނގެން އޮންނަ ކަމަށާއި، އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ މުޖުތަމައުގެ ސަލާމަތަށްކަން އެނގެން އޮންނަ ކަމަށެވެ.

އަދި މުހައްމަދު ރަޝީދުގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައިވަނީ އޭނާގެ ފަރާތުން ގާނޫނީ ވަކީލަށް ކޯޓަށް ހާޒިރުވެ އޭނާގެ މުވައްކިލު ތަމްސީލުކުރުމުގެ ފުރުސަތު ލިބިގަތުމަށް ފަހިވާނެ ގޮތަކަށް ނޫންކަން ވެސް ފުލުހުން ހައިކޯޓުގައި ދެއްކި ވާހަކައިން އެނގޭ ކަމަށެވެ.

އެހެންކަމުން ގާނޫނު އަސާސީން ކޮންމެ މީހަކަށް ކަށަވަރުކޮށްދީފައިވާ، ލަސްކުރުމެއްނެތި ގާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދައި، އެމީހަކު ހައްޔަރުކުރެވުނު ނުވަތަ ބަންދުކުރެވުނު މައްސަލައެއް ނިމެންދެން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ދެމެހެއްޓުމުގެ ހައްގުން މުހައްމަދު ރަޝީދު މަހްރޫމްވެފައިވާ ކަމަށް ހައިކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އަދި މުޖުތަމައުގެ ސަލާމަތަށް އޭނާ ބަންދުކުރުމަށް އަމުރު ކުރިއިރު، އޭނާއަކީ ކުށުގެ ރެކޯޑެއް އޮތް މީހަކަށް ނުވާއިރު، އޭނާ ބަންދު ކުރުމަށް ކޯޓުން ރިއާޔަތްކޮށްފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރެއިން ކޮން ކަމަކަށް ކަން ސާފުނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައިވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުގެ އަމުރަށް ބަދަލުގެންނަން ޖެހޭކަމަށް ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ނިންމައި، މުހައްމަދު ރަޝީދު ފަސް ދުވަހަށް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ ގާނޫނީ އަސާސީއާ ހިލާފަށް ކަމަށް ނިންމައި، އެ އަމުރު ވަނީ ބާތިލްކޮށްފައެވެ.