ތެހެރާން (ނޮވެމްބަރ 30) : ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީއަށް އީރާނުގެ ހަރުކަށި ކިޔަވާކުދިންތަކެއް ގަދަކަމުން ވަދެގަތް މައްސަލަ ޙައްލުކުރެވިއްޖެކަން އީރާނުން ހާމަކޮށްފިއެވެ. އީރާނުގެ މީޑިޔާއިންބުނީ އިނގިރޭސި އެންބަސީއަށް އިއްޔެ ވަދެގަތް އީރާނުގެ ކިޔަވާކުދިން ރަހީނުކުރި 6 މުވައްޒަފުން މިނިވަންކޮށް އެންބަސީގެ ޢިމާރާތުން ކިޔަވާ ކުދިންނެރެ މައްސަލަ ޙައްލުކޮށްފައިވާކަމުގައެވެ.

އީރާނާމެދު އިނގިރޭސިވިލާތުން ގެންގުޅޭ ޢުދުވާނީ ސިޔާސަތުތަކާ ގުޅިގެން ރުޅިއައިސްފައިވާ އީރާނުގެ ޤައުމީ ޚިޔާލުގެ ހަރުކަށި ކިޔަވާކުދިންގެ ގްރޫޕަކުން އިއްޔެވަނީ ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީއަށް ވަދެގަތުމަށްފަހު އެތާނގައިވާ ބައެއް ލިޔެކިޔުންތަކަށް ގެއްލުންދީ 6 މުވައްޒަފަކު ހިފަހައްޓާފައެވެ. މި ޙާދިޘާގައި އިނގިރޭސި ސަފީރަށާއި އެންބަސީގެ މުވައްޒަފަކަށް ގެއްލުމެއް ނުލިބެއެވެ.

ހަރުކަށި ކިޔާކުދިންތައް އެންބަސީގެ ޢިމާރާތުންނެރެ އެންބަސީ ޙިމާޔަތްކުރުމަށް އީރާނުގެ ފުލުން ކުރިމަސައްކަތުގައި ފުލުހުންނާއި ކިޔަވާކުދިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ދެފަރާތަށްވެސް ބައެއް ގެއްލުންތައް ލިބުނެވެ. ހަރުކަށި ކިޔަވާކުދިންތައް އިނގިރޭސި އެންބަސީގެ އެކުވެނިން ނެރުމަށްޓަކައި ފުލުހުން ކަރުނަ ގޭހާއި ލަޓިބުރީގެ ބޭނުންކުރިއެވެ.

އީރާނުގެ ބަސީޖް އިސްލާމިކް މިލީޝިޔާއަށް ނިސްބަތްވާ ކިޔަވާކުދިންގެ ތެރެއިން 200 ކުއްޖަކު އިނގިރޭސި އެންބަސީގެ އެކުވެންޏަށް ގަދަކަމުން ވަދެގަތީ އީރާނުގައި ހިންގަމުންދާ ބޮންގޮއްވުމާއި ނިއުކްލިޔަރ އަދި ރޮކެޓް ސައެންސްވެރިން މެރުމުގެ ޓެރަރިސްޓް ޙަރަކާތްތަކުގައި އިނގިރޭސިވިލާތުގެ އަތެއްވާ ކަމަށް ކުރެވޭ ޝައްކުތަކާގުޅިގެން ކަމަށް ޚަބަރުލިބެއެވެ. އީރާނުގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ އިސްފަހާންގައި މިދިޔަ އާދީއްތަ ދުވަހުވަނީ ބޮންތަކެއް ގޮއްވާލާފައެވެ.

މިމަހުގެ މެދެއްހާ ހިސާބު އީރާނުގެ ޢަސްކަރީ މަރުކަޒެއްގައި އެއްޗެހިތަކެއް ގޮވުމުގެ ސަބަބުން އީރާނުގެ ފުންނާބު އުސް ރޮކެޓް ސައެންޓިސްޓަކުވަނީ އަވަހާރަވެފައެވެ. މީގެއަހަރެއްހާ ދުވަސްކުރިން ތެހެރާންގައި ހިންގި ބޮންގޮއްވުމުގެ ޙަމަލާއެއްގައި އީރާނުގެ ނިއުކްލިޔަރ ސައެންޓިސްޓެއް ކަމަށްވާ މާޖިދު ޝަހްރިޔާރީ އަވަހާރަވެފައިވެއެވެ.

މިޙަމަލާތަކުގެ ފަހަތުގައި އެމެރިކާއާއި އިސްރާއީލު ވުމުގެ އިތުރުން އިނގިރޭސިވިލާތުގެ އަތެއްވާކަމަށްވެސް ބަސީޖް އިސްލާމިކް މިލީޝިޔާއަށް ނިސްބަތްވާ ކިޔަވާކުދިން ދެކޭކަމަށް ރިޕޯޓްތައް ބުނެއެވެ. އިނގިރޭސި އެންބަސީއަށް ވަދެގަތް އީރާނުގެ ކިޔަވާކުދިން، އެއެންބަސީގެ ޢިމާރާތުގައި ނަގާފައިވާ އިނގިރޭސި ދިދަ ބޭލުމަށްފަހު އީރާނުގެ ދިދަ ނަގައި އެމެރިކާއާއި އިނގިރޭސިވިލާތާއި އިސްރާއީލުގެ ދިދަތައް އަލިފާނުން އަންދައި އެމީހުންގެ ޝުޢޫރުތައް ހާމަކުރަމުން ދިޔައެވެ.

އިނިގިރޭސި ޚާރިޖިއްޔާއިންވަނީ އީރާނުގެ ކިޔަވާކުދިންގެ މިޢަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް މިޢަމަލުތަކުގެ ފަހަތުގައި އީރާނުގެ ސަރުކާރު އޮތްކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އީރާނުންވަނީ އިނގިރޭސިވިލާތުގެ މިތުހުމަތުތަކަށް އިންކާރުކޮށްފައެވެ. (އަލްޖަޒީރާ+އަލްޢާލަމް)