މާފުށި ޖަލުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލު އޮފިސަރުން ބާރުގެ ބޭނުންކުރީ، އޮފިސަރުންގެ ވާޖިބަށް ގައިދީން ހުރަސް އެޅުމުން ކަމަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް، އަހުމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

އިންސްޕެކްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާ ރިމާންޑު ބަންދުގައި ތިބި މީހުންނާ ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން ބެއްލެވުމަށް އިއްޔެ ޖަލަށް ވަޑައިގެންފައިވާނެ ކަމަށެވެ.

އިންސްޕެކްޓާ ވިދާޅުވީ، ޖަލަށް ވަޑައިގަތީ ކޮމިޝަނާ އޮޕް ޕްރިޒަންސް އަބްދުﷲ މުނާޒުގެ އެދުމުގެ މަތިން ކަމަށެވެ.

އެގޮތުން އޮފިސަރުން ގޮޅިތައް ކައިރިއަށް ދިއުމުން، އޮފިސަރުންގެ ގަޔަށް އެކިކަހަލަ ކާއެއްޗެހި ޖަހާ، ވާޖިބަށް ހުރަސް އަޅާކަމުގެ މައުލޫމާތު ލިބުނު ކަމަށެވެ.

"އަދި ގޮޅިތައް ބަލައިފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު އަޅުގަނޑު ވާނީ އޮބްޒާވް ކޮށްފައި. އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުންކޮށްފައިވޭ،" އިންސްޕެކްޓަރު ވިދާޅުވި އެވެ.

އިންސްޕެކްޓާ ވިދާޅުވީ އިއްޔެ ހިނގާދިޔަ ކަންކަމުގެ ހަގީގަތް އޮޅޭގޮތަށް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ނަން ބޭނުންކޮށްގެން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށާއި، އެކަމާ ކަންބޮޑުވާ ކަމަށެވެ.

އިއްޔެ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން ކަރެކްޝަންސްގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ އޮފިސަރުން ބާރުގެ ބޭނުން ކުރީ ޖަލު އޮފިސަރުންގެ ގަޔަށް އެންމެ ގިނައިން އެއްޗެހި ޖެހި ގޮޅި ބަލައިފާސްކުރަން މަސައްކަތް ކުރުމުން، އެކަމަށް ހުރަސް އެޅުމުން ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޖަލު އޮފިސަރުން މަސައްކަތް ކުރީ އެ ގޮޅި ތެރޭގައި ހުރި އެއްޗެހި ގޮޅިން ނެރުމަށް ކަމަށެވެ.

"ބޭނުންކޮށްފައި ވާނީ ވެސް ބާރުގެ އެންމެ ކުޑަމިންވަރު. އެއީ އެ ގޮޅި ބަލައިފާސްކުރުމަށް ހުރަސް އަޅަމުން ދިއުމުގެ ސަބަބުން ޕެޕާ ސްޕްރޭ ބޭނުންކުރީ،" އޮފިޝަލް ވިދާޅުވި އެވެ.

އަދި މިހާރު ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ ޕެޕާ ސްޕްރޭ ޖެހުމަށް ފަހު، އެމީހުންނަށް ދޭން ޖެހޭ ފަރުވާ ދިނުމަށް ބައިތިއްބާފައި ތިބި މަންޒަރު ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ބޭތިއްބީ ވެސް ގޮނޑީގައި. އެކަމަކު ގޮނޑިތަކުގައި ވެސް ފައިން ޖަހާ ވައްޓާލާ ހެދުމުން އެންމެ ފަހުން ބިންމަތީގައި ބައިތިއްބަން ޖެހުނީ،" އޮފިޝަލް ވިދާޅުވި އެވެ.

ކަރެކްޝަންސް އިން އިއްޔެ ބުނީ، ޖަލުގައި ހަމަނުޖެހުން ހިންގީ ރިމާންޑުގައި ތިބި ބައެއް ކަމަށާއި، އެމީހުންގެ މައިގަނޑު ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސް ފަރުވާގެ އިންތިޒާމްތައް އެމީހުން އެދޭގޮތަށް ކުރިއަށް ނުދިއުން ކަމަށެވެ.

އެގޮތުން ރިމާންޑު ބަންދުގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް އިއްޔެ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އާއި، ސީޕީ މުނާޒްގެ އިތުރުން އޭސީޕީ މުހައްމަދު އާސިފް އިއްޔެ ޖަލަށް ވަޑައިގެން ކަމަށެވެ.

އަދި ފުލުހުން އިއްޔެ ޖަލަށް ދިޔައީ ރިމާންޑުގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން ބަޔަކު އަނިޔާކުރި މައްސަލައެއް ބެލުމަށް ކަމަށާއި ރިމާންޑުގައި ތިބި މީހުންނާއި ޖަލު އޮފިސަރުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށެވެ.

އަދި ރިމާންޑް މީހުން އޮފިސަރުންގެ ގަޔަށް ކަބޯތަކެތި ޖަހަމުން ދިޔަ ނަމަވެސް، ޖަލު އޮފިސަރުން މަސައްކަތް ކޮށްފައި ވަނީ ކެތްތެރިކަމާ އެކު އެމީހުންނަށް ވިސްނައިދިނުމަށް ކަމަށެވެ.