މާލޭ އިރުމަތީ ފަރާތު އުސްފަސްގަނޑުގައި ޗައިނާގެ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިންއިން އަޅާފައި ހުރި ގެތައް ނަގައި ނިންމާ އެ ސަރަހައްދު އާންމުކޮށް ހުޅުވާލައިފި އެވެ.

ސީސީސީސީއިން އުސްފަސްގަނޑުގައި އަޅާފައި ހުރި ގެތަކަކީ ސިނަމާލެ ބްރިޖުގެ މަސައްކަތްކުރި އިރު، އެ މަސައްކަތް ކުރުމުގައި އުޅުނު މީހުންގެ އެކޮމޮޑޭޝަން އާއި ކުންފުނީގެ އޮފީސް ހިންގުމަށް ބޭނުންކުރި ސަރަހައްދެކެވެ.

އުސްފަސްގަނޑު ސަރަހައްދަކީ މީގެކުރިން ގިނަ ބަޔަކު ހިތްހަމަ ޖައްސައިލުމަށް ގޮސް އުޅުނު ސަރަހައްދެކެވެ. ކުޑަކުދިން ކުޅެ ދުވެ ހަދާލަންވެސް އެ ސަރަހައްދު ބޭނުންކުރި އެވެ. މީގެ އިތުރުން އެއީ ސިޔާސީ ހަރަކާތްތައްވެސް ކުރިއަށްގެންދިޔަ ސަރަހައްދެކެވެ. އެގޮތުން، ފެބުރުއަރީ 7، 2012 ގައި އެމްޑީޕީގެ ވެރިކަން ވެއްޓުމާ ގުޅިގެން އެ ޕާޓީ ކޭމްޕް ޖަހައިގެން އުސްފަސްގަނޑު ދިގު ދެމިގެން ދިޔަ އިހުތިޖާޖެއް ކުރި އެވެ.

ސީސީސީސީގެ އިމާރަތްތައް ނަގައި އުސްފަސްގަނޑު ސާފު ކުރުމުން އެ ސަރަހައްދު ބޭނުންކުރާނީ ކޮންގޮތަކަށް ކަމެއް އަދި ސިޓީ ކައުންސިލުން ހާމައެއް ނުކުރެ އެވެ.