އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް، މާލޭގެ އެންމެ ފުރަތަމަ މޭޔަރު ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

މީގެކުރިން މާލޭ މުނިސިޕަލްޓީގެ ރައީސްކަން ވެސް ކުރައްވާފައިވާ ސަރަނގު އާދަމް މަނިކް މިއަދު "ސަން" އަށް ވިދާޅުވީ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ އޭނާގެ ތަޖުރިބާގެ އަލީގައި މާލެއަށް ހެޔޮ ބަދަލުތަކެއް ގެނެސްދެވޭނެ ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ.

އަދި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ "އެޖެންޑާ 19"ގައި ހުރި ކަންކަން ތަންފީޒުކުރަން މާލެ ސިޓީ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، މޭޔަރު ކަމަށް ހޮވިވަޑައިގެންފި ނަމަ، އެކަންކަން ތަންފީޒުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ސަރަނގު އާދަމް މަނިކު ވިދާޅުވީ ކައުންސިލެއް ހިންގުމަކީ ތަޖުރިބާއާއި އިލްމު ބޭނުންވާ ކަމެއް ކަމަށެވެ.

"އަޅުގަނޑަކީ އެ ތަޖުރިބާ ހުރި މީހެއް. އަޅުގަނޑު ވާނީ އެ ލީޑަޝިޕް ދައްކައިދީފައި،" އޭނާ ވިދާޅުވިއެވެ.

އެގޮތުން އޭނާގެ މޭޔަރު ކަމުގައި މާލޭގެ މަގުތަކަށް ރަނގަޅު ބަދަލުތަކެއް ގެނެސް، ވެށި ފަހި ޕްރޮގްރާމް ކުރިއަށް ގެންގޮސް، މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމުގެ ކާމިޔާބު މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ސަރަނގު އާދަމް މަނިކު މާލޭ މޭޔަރުކަމަށް ވަޑައިގަތީ ފެބުރުއަރީ 26، 2011ގަ އެވެ. ނަމަވެސް ހަމަ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

ސަރަނގު އާދަމް ވިދާޅުވީ އޭނާ މޭޔަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު މާލޭގެ ހާލަތު ގޯސްވެ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް އިތުރުވެފައިވާ ކަމަށެވެ.

އެހެންކަމުން ރައްޔިތުންނަށް ހުރި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި މޭޔަރު ކަމަށް ވާދަކުރައްވަން ނިންމެވީ ގައުމީ ހިދުމަތެއް ކޮށްދިނުމަށް ކަމަށް ވިދާޅުވިއެވެ.

އޭނާ ވަނީ މިހާރު އޮތް ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ސަރަނގު އާދަމް ވިދާޅުވީ ސިޓީ ކައުންސިލްގައި ތިބީ ފެއިލްވެފައިވާ ބައެއް ކަމަށެވެ.

ސަރަނގު އާދަމް ވިދާޅުވީ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވޭނެ ކަމުގެ 100 ޕަސެންޓު ޔަގީންކަން އެބަ އޮތް ކަމަށާއި، މާލޭ ރައްޔިތުންގެ ބޮޑު ތާއީދަކާއެކު މޭޔަރުކަމަށް އިންތިހާބު ވާނެ ކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށެވެ.

ސަރަނގު އާދަމް މަނިކް ވަނީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާ އަށް އަމިއްލަ ގޮތުން ވާދަކުރައްވައިފައެވެ. ނަމަވެސް އެ އިންތިހާބުގައި އޭނާއަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެވަޑައިގެންފައެވެ.

މިހާރު ޕާޓީތަކުން ޕްރައިމަރީ ބާއްވަން ތައްޔާރުވަމުން އަންނަ އިރު މާލެ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައި ވަނީ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި މިހާރު މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުރުން، ކައުންސިލަރު އަހްމަދު ނިޔާޒް، ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަދި ނިމިގެން ދިޔަ ސަރުކާރުގެ ހައުސިން މިިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު، އަދި އެމްޑީޕީގެ ސެކެޓްރީ ޖެނެރަލް އަދި ގާނޫނީ ވަކީލު އަނަސް އަބްދުއްސައްތާރު އެވެ.