30 Nov 2011, 02:10
ސާފް ޗެމްޕިޔަންޝިޕް ފެށެން ދެ ތިންދުވަހަށް ވެފައިވަނިކޮށް އިންޑިޔާ، މިއަދު ޒެމްބިޔާ އާއި އެކު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބޮޑު ތަފާތަކުން ބަލިވުމުން އިންޑިޔާ މި މުބާރާތަށް ތައްޔާރުވި ފޯރިއަށް އަސަރުކުރާނޭ ކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
އިންޑިޔާގެ ފުޓްބޯޅައަށް ފޯރިގަދަ އައްސޭރި ރަށެއް ކަމުގައިވާ ގޯއާގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިޔަމްގައި މިއަދު ކުޅުނުމެޗުގައި ޒެމްބިޔާގެ މުސަކަންޔާ ވަލިއާ ހެޓްރިކެއް ހެދިއެވެ. މިހާރު އިންޑިޔާ ޓީމްގައި ތިބި އެންމެ މޮޅު ދެ ފޯވާޑުން ކަމަށްވާ ސުނިލް ޗެތްރީ އާއި ޖޭޖޭ މިއަދުގެ މެޗުގައި ނުކުޅެއެވެ. މި ދެ ކުޅުންތެރިން މިހާރުތިބީ ސްކޮޓްލެންޑްގެ ގްލަސްކޯ ރޭންޖާސް އަށް ކުޅުންތެރިން ހޮވުމުގައި ފެންވަރު އިމްތިޙާންކުރާ ކޭމްޕެއްގައެވެ.
ސުނިލް އާއި ޖޭޖޭގެ ބަދަލުގައި އިންޑިޔާގެ ކުރިއަށް ކުޅުނީ ބަލްޖިތް ސިންގް ސަހްނީ އާއި ސުޝިލް ސިންގް އެވެ. އިންޑިޔާގެ ޓީމުގެ އެއް ނަމްބަރު ކީޕަރު ސުބަރްތާ ޕައުލްގެ ބަދަލުގައި ކުޅުނީ އުންމީދީ ކީޕަރު ކަރަންޖީތް ސިންގްއެވެ.
މިމެޗްގައި އިންޑިޔާއަށްވެސް ގޯލްޖެހުމުގެ ފުރުސަތު ލިބި ގެއްލިފައިވެއެވެ. ނަމަވެސް ޒެމްބިޔާއިން މުޅިން ކޮންޓްރޯލްކުރި މިމެޗަށްފަހު އުފެދޭ ސުވާލަކީ، އިންޑިޔާފަދަ ރޭވުންތެރިކަމާއި އެކު މުބާރާތްތަކަށް ތައްޔާރުވާ ޓީމަކުން ސާފް ޗެމްޕިޔަންޝިޕް ކަހަލަ ސަރަޙައްދީ މުބާރާތެއް ބޯމަތިވެފައި ވަނިކޮށް ސަރަޙައްދުގެ އެހެނިހެން ޓީމުތަކަށްވުރެ ވަރުގަދަ ޓީމަކާއި ކުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ނަމަވެސް ބައެއް ފަރާތްތަކުން ދެކޭގޮތުގައި މިފަދަ ބައިނަލްއަޤުވާމީ މެޗްތަކަކީ ދުރާލާ ރޭވި ފީފާގައި ރަޖިސްޓްރީ ކުރެވިގެން ކުޅޭ މެޗްތަކަކަށްވުމާއި މިމެޗްގައި އިންޑިޔާއަށް މިހާބޮޑު ދެރައެއް މިލިބުނީ މި މެޗްކުޅޭ ތާރީޙަށް އައިއިރު އިންޑިޔާގެ ޓީމުގެ މުހިންމު ކުޅުންތެރިން އަނިޔާ އާއި އެހެނިހެން މައްސަލަތަކުގެ ތެރޭގައި ތިބުމުން ކަމަށެވެ. ނަމަވެސް 2009 ވަނަ އަހަރުގެ ސާފް ޗެމްޕިޔަންޝިޕާއި ދިމާކޮށްވެސް އިންޑިޔާގެ ޤައުމީޓީމުން ބައިނަލްއަޤްވާމީ މެޗެއް އިރާޤާއި އެކުކުޅުމަށް ރާވާ މުބާރާތަށް 21 އަހަރުން ދަށުގެ އެވްރެޖް ޓީމެއް ފޮނުވާފައިވެއެވެ.
ފަހަރުގައި އިންޑިޔާއިން އެބައިމީހުންގެ ހައިބަތުގެ ސަބަބުން ސަރަޙައްދުގެ އެހެނިހެން ޓީމުތަކަކީ މާދަށް ފަންތީގެ ބަޔެއްގެ ގޮތުގައި ދެކެނީ ކަމަށްވުންވެސް އެކަށީގެންވެއެވެ. އިންޑިޔާގެ ފުރިހަމަ ފެންވަރު އިމްތިޙާންކުރެވޭނީ އިންޑިޔާ އަފްޤާނިސްތާން އާއި އެކު ކުޅޭ މެޗުގައި ދައްކާ ކުޅުމަކުންނެވެ.
މިއަދުގެ މެޗްގައި ފުރަތަމަ އެގާރައިގެ ގޮތުގައި ބޭނުން ކުރި ގިނަ ކުޅުންތެރިންނަކީ ޤަބޫލުކުރެވޭގޮތުގައި އިންޑިޔާއިން ސާފްޗެމްޕިޔަންޝިޕްގައި މެޗްތައް ފެށުމުގައި ނެރޭނޭ ޓީމެވެ.
ގޯލްކީޕަރ: ކަރަންޖީތް ސިންގް
ޑިފެންޑަރުން: ގުރަމަންގީ މޮއިރަންތަމް، ސަމީރު ނައިކް، މަހޭޝް ގަވާލީ، ސައީދު ނަބީ،
މިޑްފީލްޑަރުން: ކްލިފޯރޑް މިރަންޑާ، ބަލްދީޕް ސިންގް، ޖުވެލް ރާޖާ،
ފޯވަރޑުން: ސްޓީވެން ޑިއަސް، ބަލްޖިތް ސަހްނީ، ސުޝިލްކުމާރު ސިންގް