06 Jan 2020, 11:34
މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވާ ދުވަހުގެ ގޮތުގައި އަންނަ ފެބުރުއަރީ 3 ހަމަޖައްސައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިއަދު ވިދާޅުވީ، 2020 ވަނަ އަހަރަށް މަޖިލިސް ހުޅުވާ ދުވަހެއްގެ ގޮތުގައި އަންނަ ފެބުރުއަރީ 3 ވަނަ ދުވަސް ހަމަޖައްސާފައިވާ ކަމަށެވެ. އެ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.
އެ ދުވަހު ރައީސް ރިޔާސީ ބަޔާން މަޖިލީހަށް އިއްވަވާނެ އެވެ. އެ ބަޔާނުގައި ކުރިއަށް މި އޮތް އަހަރަށް ސަރުކާރުގެ ސިޔާސަތުތަކާއި ވޭތުވެ ދިޔަ އަހަރު ސަރުކާރަށް ހޯދިފައިވާ ކާމިޔާބީތަކުގެ މައްޗަށް ރައީސް އަލިއަޅުވާ ލައްވާނެ އެވެ. އަދި ހާރިޖީ ދާއިރާ އާއި އިގްތިސާދީ ދާއިރާގެ އުސްއަލިތަކުގެ މައްޗަށް ރައީސްގެ ރިޔާސީ ބަޔާނުގައި ހާމަކުރައްވާނެ އެވެ.